ޚަބަރު

މާލޭގެ ބޮޑެތި ހުރިހާ މިސްކިތެއް ހިމެނޭހެން 39 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ


އަޟްޙާ ޢީދު ނަމާދުގެ މާދަމާ މާލޭގެ 39 މިސްކިތެއްގައި ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވުމާއި ގުޅިގެން މީގެކުރިން ނިންމާފައިވަނީ މިއަހަރުގެ އަޟްހާ އީދު ނަމާދު މާލެ ސަރަހައްދުގައި ޖަމާއަތުގައި ނުކުރާގޮތަށެވެ. ނަމަވެސް މިހާރު ހާލަތު ރަނގަޅުވެ ބަލިޖެހޭ މީހުންގެ އަދަދު މަދުވުމުން މިނިސްޓްރީން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު މާދަމާގެ އީދު ނަމާދު މާލެ ސަރަހައްދުގައި ކުރުމަށް ނިންމާފައެވެ.

ކޯވިޑް-19ގެ ހަލަތާއި ގުޅިގެން މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރިނަމަވެސް، މާލޭގެ ބޮޑެތި ހުރިހާ މިސްކިތެއް ހިމެނޭހެން 39 މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އީދު ނަމާދު ޖަމާއަތުގައި ކުރުމަށް ހުއްދަ ދީފައިވާ މާލޭގެ ބޮޑެތި މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި، މަސްޖިދުލް ފުރުޤާންއާއި، ނޫރު މިސްކިތާއި، މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ މިސްކިތް ހިމެނެއެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މާލެ ސަރަހައްދުގައި ފާއިތުވެދިޔަ ދެ އަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިނުވެއެވެ.

މީގެ ކުރިން މޫސުން ތަންދޭނަމަ ކޮންމެ އަހަރަކުވެސް ފިޠުރު ޢީދާއި އަޟްޙާ ޢީދު ނަމާދު މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޮޑު ޖަމާޢަތުގައި ކުރެއެވެ. އަދި މި ޖަމާޢަތްތަކުގައި ގިނަ ބަޔަކު ބައިވެރިވެއެވެ.