ރިޕޯޓް

ކޯވިޑުން އަރައިގަނެ، ދުނިޔެ ރަނގަޅު މިސްރާބަކަށް ގެންދަންޖެހޭ: މިނިސްޓަރ ޝާހިދު


ކޯވިޑް-19ގެ ޙާލަތުން ވީ އެންމެ އަވަހަކަށް އަރައިގަނެ، ދުނިޔެ ރަނގަޅު މިސްރާބަކަށް ގެންދަންޖެހޭކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއަރޒްއިން އިންތިޒާމްކޮށްގެން ބޭއްވި 38 ވަނަ ސަޕްރޫ ހައުސް ލެކްޗަރގައި ބައިވެރިވެވަޑައިގެން ދެއްވި ތަޤްރީރުގައެވެ.

38 ވަނަ ސަޕްރޫ ހައުސް ލެކްޗަރ ޚާއްސަކޮށްފައި ވަނީ ކޯވިޑް-19 އިން އަރައިގަނެ ޤައުމުތައް އާރާސްތުކުރުމަށް، އެއްގައުމު އަނެއް ޤައުމަށް އެހީތެރިވުމާއި ގުޅޭގޮތުންނެވެ. މި ލެކްޗަރގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަތީ އދ. އާއްމު މަޖިލީހުގެ 76 ވަނަ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުންނެވެ. މިނިސްޓަރގެ ތަޤްރީރުގައި ކޯވިޑްގެ ސަބަބުން ދުނިޔޭގެ ޙާލަތަށް އައިސްފައިވާ ބަދަލުތަކަށާއި، އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއްދެއްވާނެ ކަންތައްތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ކޯވިޑްގެ ސަބަބުން ނުތަނަވަސްކަމާއި ހާސްކަން މުޅި ދުނިޔެއަށް ފެތުރި، ހައިހޫނުކަމާއި ފަޤީރުކަން އިންތިހާއަށް އިތުރުވެފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެތައް ދަރިވަރުންނެއް ކިޔެވުމުން މަޙްރޫމުވެ، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން މުޅި ދުނިޔެއަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ އަނެއްކާވެސް ޤައުމުތަކުން އެކުގައި ތެދުވެ، އައު ހިތްވަރަކާއެކު ދުނިޔޭގެ ސަލާމަތަށް މަސައްކަތް ކުރަންވީ ވަގުތުކަމަށާއި، އެކަން ކުރެވެންއޮތީ ހުރިހާ ޤައުމަކުންވެސް އެއް ރޫޙެއްގައި މަސައްކަތްކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ތަޤުރީރުގައި އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ މަސައްކަތްތައް އެމަނިކުފާނު ބައްޓަންކުރައްވަން ބޭނުންފުޅުވާ ގޮތާއި ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ. އަދި އެމަނިކުފާނު އުއްމިދީ ރިޔާސަތުގެ ތެރެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަމާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، އެމަނިކުފާނު އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ ކޯވިޑް19 ގެ ބަލިމަޑުމަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ފުޅާކޮށް ވަރުގަދަކުރުމަށްކަމަށެވެ.

އެގޮތުން އާއްމުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކޮށް، އިގްތިޞާދުތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އެންމެނަށް ވެކްސިން ހަމަހަމަކަމާއެކު ލިބޭނޭ މަގު ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގައި އެއްވެސް މީހެއް، އެއްވެސް ޤައުމެއް ބާކީ ނުކުރައްވާނެކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ. އަދި އާންމުންގެ ބޭނުންތަކަށް އިޖާބަދީ، އެންމެންގެ ހައްޤުތަކަށް އިޚްތިރާމްކޮށް، ގިނަ ބައެއްގެ ބޭނުންތަކާއި އިޙްސާސްތައް ހިމެނިގެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އދ. އަކީ މިހާރަށްވުރެވެސް ވަރުގަދަ ތަނެއް ކަމުގައި ވާންޖެހޭކަމަށާއި، ދެފުއް ފެންނަ، ފުރިހަމައަށް މަސައްކަތް ކުރެވޭ، ނަތީޖާ ނެރެވޭ، ޒިންމާދާރު ތަނަކަށް ވާންޖެހޭކަން މިނިސްޓަރ ޝާހިދުގެ ތަޤުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އދ.ގެ ނިޒާމުގެ ތެރޭގައިއާއި، އެކި ގުނަންތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވާންޖެހޭކަމަށާއި، މިމަގުން އދ. ގެ މަސައްކަތް ބައްޓަން ކުރުމާއެކު އދ.ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ދުނިޔޭގެ ހެވާއި، ލާބައަށް މަސައްކަތް ކުރުން މުހިއްމުކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއަރޒްގެ 38 ވަނަ ސަޕްރޫ ހައުސް ލެކްޗަރ މޮޑަރޭޓްކޮށްދެއްވާފައި ވަނީ އިންޑިއާއިން އދ. ކަނޑައަޅުއްވާފައި ހުންނެވި ކުރީގެ ޑެޕިއުޓީ ޕަރމަނެންޓް ރެޕްރެޒެންޓޭޓިވް މަންޖީވް ޕޫރީއެވެ. އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާ ވަޑައިގެންފައިވަނީ އެ ޤައުމުގެ ދަޢުވަތަކަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.