ޚަބަރު

މިނިސްޓަރ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި


ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ނިއު ދިއްލީގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ދިވެހި ސަރުކާރާއި، އަދި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކޮށްފައެވެ. އަދި މެދުނުކެނޑި އިންޑިއާއިން ދިވެހިރާއްޖެއަށް، ޚާއްސަކޮށް ކޯވިޑް-19 އާ ގުޅިގެން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް އިންތިޚާބުވުމަށް ކުރި ކެމްޕޭންގައި އިންޑިއާއިން ތާއީދުކޮށްދިނީތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައި، މިނިސްޓަރ ޝާހިދުގެ "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާއި ބެހޭ މަޢުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ފޮރިން މިނިސްޓަރގެ އަރިހުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒްއާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް-ޑި-ކެބިނެޓް-ޑެޒިގްނޭޓް އެމްބެސެޑަރ ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގަތެވެ.

މިނިސްޓަރ ޝާހިދު ޖުލައި 22 އިން 24 އަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އދ.ގެ އާއްމު މަޖިލީހިގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.