ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށްދޭ އެހީ އިތުރުކޮށް، އެކަމާ ގުޅޭ އެއްބަސްވުން އައުކޮށްފިއެވެ.
އެހީ އިތުރުކޮށް، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އައުކުރެވިފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރެއްވީ އެކަމަށްޓަކައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރެވެ.
މުޖްތަމައަށް އޭގެ ބޮޑު ފައިދާއެއް ކުރާ ގޮތަށް ހިންގާ ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކުރިން ދީފައިވަނީ 85 މިލިއަން ދިވެހި ރުފިޔާއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރުމާއެކު އިންޑިއާއިން އިތުރަށް ދޭ 70 މިލިއަން ރުފިޔާއާއެކު މި އަދަދު 155 މިލިއަން ދިވެހި ރުފިޔާއަށް އިތުރުވާނެއެވެ.
A warm meeting with @UN PGA-elect @abdulla_shahid. Discussed the priorities of his Presidency of Hope. Promised him fullest support from India. pic.twitter.com/cfPlrBEHaF
— Dr. S. Jaishankar (@DrSJaishankar) July 23, 2021
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާ ގުޅޭ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ އިންޑިއާގެ އޭރުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 17 މާޗް 2019ގައެވެ. މި ޕްރޮޖެކްޓްތަކުގެ ބޭނުމަކީ މުޖްތަމައަށް އޭގެއިން އިޤްތިޞާދީ އަދި އިޖްތިމާޢީ ހެޔޮ އަސަރުތަކެއް ކުރުވާނެ މަޝްރޫއުތަކެއް ހިންގުމެވެ. މި މަޝްރޫއުތައް ހިންގަނީ މަޝްރޫއު ހަވާލުކުރެވޭ އިދާރާގެ ބެލުމުގެ ދަށުންނެވެ.
އޭރު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މިހާރުވެސް 12 ޕްރޮޖެކްޓެއް ކުރިއަށްގެންދެއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއުތަކާއި، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްޤީކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. އަދި ހދ. ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއާއި، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އިތުރުން ހއ. ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމްކުރުމުގެ މަޝްރޫއުވެސް ދަނީ ހިނގަމުންނެވެ.
އިންޑިއާއިން ރާއްޖެއަށް ދޭ ހިލޭ އެހީ 80 މިލިއަން ރުފިޔާއިން 155 މިލިއަން ރުފިޔާއަށް ބޮޑުކުރަން ނިންމާފައިވާއިރު، އަލަށް އިތުރުކުރެވުނު 70 މިލިއަން ރުފިޔާއިން ހިންގާނެ މަޝްރޫޢުތަކުގެ ތަފްސީލްތައް ސަރުކާރުން ފަހުން އިއުލާންކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.