ޚަބަރު

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން، ރައީސްއާއި އެމްޑީޕީގެ ޕީޖީ ލީޑަރު މަޝްވަރާކުރައްވައިފި


ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްއާ މަޝްވަރާކުރައްވައިފިއެވެ.

ސަރުކާރު ހިންގައި މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރާއި، ބައެއް މަޖިލިސް މެމްބަރުންނާއިއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުވުމަށްފަހު، އާޒިމް ވިދާޅުވީ ބައްދަލުވުމުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަޖިލީހާއި އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ރައީސާއެކު ވާހަކަ ދެކެވުނުކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮންނައިރު، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ކަނޑައަޅާފައިވާ ކަންކަން ހާސިލް ކުރުމަށް މަޖިލީހުން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މުހިންމު 76 ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. މީގެ ތެރެއިން ގިނަ ބިލްތަކެއް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވާފައެވެ.

ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުތަކާއި ދެކޮޅަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ މިދަނޑިވަޅުގައި މަޖިލިސް ތެރެއިން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް މިކަމަށް ހައްލު ހޯއްދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.