ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ވިއްސާރަކުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ރާއްޖެ ހިމެނޭ ސަރަޙައްދުގައި ލޯ ޕްރެޝަރ ޓްރަފެއް އުފެދިފައިވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އަންގާ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވައިޓް އެލަރޓް ނެރެފައިވާ ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށްވެސް އެ އޮފީހުން ވަނީ ލަފާކުރައްވާފައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން ވައިގަދަވެ ވިއްސާރައިގެ އަސަރު ބޮޑަށް ކުރާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށްވެސް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
Alert white for strong winds and rough seas over the northern area. pic.twitter.com/F1yHX0NAxB
— Maldives Meteorology (@MetMaldives) July 27, 2021
ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އޮފީހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ.
މެޓް އޮފީހުގެ ރިކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުތުރުން ހއ. އާއި ހދ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވާރޭ ރިކޯޑްކުރެވިފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެރަށަށް 23.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ގިނައިން ރިކޯޑް ކުރެވިފައިވަނީ ހއ. ކެލާއެވެ. އެރަށަށް 17.6 މިލިލީޓަަރުގެ ވާރޭ ވަނީ ވެހިފައެވެ.