ކޯވިޑްގެ ހާލަތު ރަނގަޅުވެއްޖެނަމަ މިއަހަރުގެ ފަހުކޮޅު ކުރެހުމުގެ މައުރަޒުތައް ބޭއްވުމަށް މަަސައްކަތް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހާ ގުޅިގެން ސްޓެލްކޯ ފާރުގައި ދިވެހި އާޓިސްޓުން ކުރަހާފައިވާ ކުރެެހުންތައް ބައްލަވާލެއްވުމަށް ފަހު މިނިސްޓަރ ޔުމްނާ ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ އާޓިސްޓުންނަށް އެކި ގޮތްގޮތަށް އެހީތެރިވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ ކޯވިޑްގެ ސަބަބުން ގެއްލުން ލިބުނު ދާއިރާތަކުގައި ޘަޤާފަތާއި ފަންނުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް އަސަރުކުރިކަން ފާހަގަކުރައްވާފައެވެ. މިމަސައްކަތްތައް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް އެހީތެރިވުމަށް މަސައްކަތްކުރި ނަމަވެސް އެންމެ ބޭނުންވާވަރަށް އެހީތެރިކަން ފޯރުކޮށް ނުދެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ކޯވިޑުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ފޯރުކޮށްދިން އެލެވެންސްތައް އެފަރާތްތަކަށްވެސް ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓރަ ޔުމްނާ ވިދާޅުވީ އާޓިސްޓުންނަށްޓަކައި މިއަހަރުގެ ފަހުކޮޅު ކުރެހުމުގެ މައުރަޒުތައް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އަންނަމަހުގެ ފަހުކޮޅު އާރޓްގެލަރީ މަރާމާތު ކުރުމުގެ މަސައްކަތްފަށާނެކަމަށާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި މައުރަޒުތައް ބޭއްވޭނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ކޯވިޑާ ގުޅިގެން ފަންނުވެރިންގެ ހުނަރުތައް ދެއްކުމުގެ ތަންތައް ބަންދުކުރުމަކީ އެ ފަރާތްތަކަށް ލިބުނު ބޮޑު ގޮންޖެހުމެއް.
އޮންލައިންކޮށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ފަންނުވެރިންގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކަމުން ގެންގޮސްފައިވޭ.
ފަންނުވެރިންނަށް ސަރުކާރުން ބޭނުންވާ ކަންތައްތައް މި ދެއަހަރުތެރޭގައި އެންމެ ފުރިހަމަކޮށް ފޯރުކޮށް ނުދެވުނު." މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވިއެވެ.
މިނިސްޓަރ ޔުމްނާ ވިދާޅުވީ އެމިނިސްޓްރީން ފަންނުވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށާއި އެ ފަރާތްތަކަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށެވެ. އެގޮތުން މިހާރުވެސް ފަންނުވެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށާއި އިތުރު ގޮތްތައް ހޯދައިދިނުމަށް ޤާނޫނެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ޤާނޫނު އެކުލަވާލުމަށްޓަކައި އޭގެ ދެވަނަ ދެލިކޮޕީ ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހާއި ގުޅިގެން ދިވެހި އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ވަނީ މާލޭގެ ބޭރުމަގުގެ، ސްޓެލްކޯ ފާރުގައި ފެންނާނެހެން 113 ފޫޓު ދިގު ކުރެހުމެއް ކުރަހާފައެވެ. މިކުރެހުމުން ދިވެހިން މިނިވަންކަމަށްޓަކާ އެކި ޒަމާންތަކުގައި ކުރި އެކި ޖިހާދުތަކާއި މިނިވަންކަން ދިފާޢުކުރުމަށް ކުރި މަސައްކަތްތައް ދައްކުވައިދެއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހުޅުވާލި ފުރުސަތުގައި ސްޓެލްކޯގެ ބޮޑުތަކުރުފާނުމަގަށްވާ ގޮތަށް ހުންނަ ބޮޑު ފާރުގައި ކުރަހާފައިވަނީ އާޓިސްޓް ކޮމިއުނިޓީގެ މެމްބަރުންގެ އިތުރުން އަމިއްލައަށް ބައެއް ކުރެހުންތެރިިން އަމިއްލައަށް އިސްނަގައިގެންނެވެ.