ޔޫރަޕާއި ޗައިނާގައި ފެންބޮޑުވުމުގެ ސަބަބުން ކަނޑުމަގުން މުދާ އުފުލުމަށް އަނެއްކާވެސް ބުރޫ އަރައިފިކަމަށް ޝިޕިންގ ކުންފުނިތަކުން ބުނެފިއެވެ.
ހުޅަނގު ޔޫރަޕްގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް، ވާރޭވެހުމުގެ ސަބަބުން ޖަރުމަނުވިލާތް، ބެލްޖިއަމް، ސްވިޓްޒަރލޭންޑް، ލަކްސަމްބާގް އަދި ނެދަރލޭންޑުގައިވެސް ވަނީ ފެންބޮޑުވެފައެވެ. މިއާއެކު މި ސަރަޙައްދުތަކުގެ ރެއިލް ދަތުރުތައް އެއްކޮށް ހުއްޓި، މުދާ އުފުލާ ހެދުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ހުއްޓާލާފައިވާ ދަތުރުތަކުގެ ތެރޭގައި ފެންބޮޑުވުމުގެ އަސަރު ވަރަށްބޮޑަށްކޮށްފައިވާ ޖަރުމަނުވިލާތުގެ ބަނދަރަށް ކުރާ ރެއިލް ދަތުރުތައް ވެސް ހިމެނެއެވެ.
މީގެސަބަބުން ކަނޑުމަގުން މުދާ އުފުލުމަށް ދަތިތަކާއި ކުރިމަތިލާންޖެހޭނެކަމަށް ޝިޕިންގ ކުންފުނިތަކުން ބުނެއެވެ. ޖަރުމަނުވިލާތުގައި ދަގަނޑު އުފައްދަން ބޭނުންކުރާ ރޯ މެޓީރިއަލްސް ލިބުންވެސް މިކަމުގެ ސަބަބުން ދަތިވާނެއެވެ. އަދި މިއާއެކު ދަނގަޑުން އުފައްދާ ތަކެތީގެ ކާރުޚާނާތަކަށްވެސް ގެއްލުންވާނެއެވެ.
އަނެއްކޮޅުން ޗައިނާގެ ހެނާން ޕްރޮވިންސްގައި ފެންބޮޑުވުމުގެ ސަބަބުންވެސް ރެއިލް ދަތުރުތަކަށް ބުރޫއަރައި ކަނޑުމަގުން މުދާ އުފުލުމުގެ އަގުތައް އުފުލިގެންދާނެކަމަށް މެންޑަރިން ޝިޕިންގ ކުންފުނީގެ ސީއީއޯ ޓިން ހަޒްލޭ ވިދާޅުވިއެވެ. މީގެއިތުރުން ޗައިނާގައި އެންމެ ގިނައިން ގޮދަންފުށް އުފައްދާ ޕްރޮވިންސްކަމަށްވާ ހުނާންގެ ގޮދަންފުށް އުފައްދާ ކާރުޚާނާތަކަށްވެސް މިކަމުގެ ސަބަބުން އަސަރުކުރާނެކަމަށް ހަޒްލޭ ވިދާޅުވިއެވެ. މި ހޫނު މޫސުމުގައި ހުނާންއިން ވަނީ 38 މިލިއަން ޓަންގެ ގޮދަން ފުށް އުފައްދާފައެވެ. ގޮދަންފުށުގެ އިތުރުން ޗައިނާގައި ކޯލް އުފައްދާ ކާރުޚާނާތަކަށްވެސް މިކަމުގެ ސަބަބުން އަސަރުކުރާނެއެވެ.
ކަނޑުމަގުން މުދާ އުފުލުމުގައި މިއަހަރު ވަނީ ގިނަ އުނދަގޫތަކަކާއި ދިމާވެފައެވެ. ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަންނަން މަސައްކަތްކުރާ މި ދަނޑިވަޅުގައި ޚަރަދުތައް އިތުރުވެ، ކޮންޓެއިނަރުވެސް ވަނީ މަދުވެފައެވެ. މިއާއެކު މުދާ އުފުލުން ލަސްވެ މުދާ އުފުލުމުގެ އަގުތައް ވަނީ އުފުލިފައެވެ.
މާރިޗްމަހު މިޞްރުގެ ސުއޭސް ކެނަލްގައި ޖަޕާނުގެ އެވަރގިވަން އާގު ބޯޓުތާށިވުމުން 6 ދުވަސް ވަންދެން ކެނަލް ބަންދުކޮށްފައި ބާއްވަން ޖެހުމުގެ ސަބަބުން ކަނޑުމަގުން މުދާ އުފުލުމުގައި ވަރަށް ބޮޑު ދަތިތަކަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. ކާގޯ އުފުލާ ދުނިޔޭގެ އެންމެ ބާރުބޮޑު އެއް މަގު ކަމުގައިވާ މި ކެނަލްއިން ދުނިޔޭގެ 12 އިންސައްތައިގެ ވިޔަފާރިމުދާ އުފުލައެވެ.
އޭގެފަހުން ޖޫންމަހު ޗައިނާގެ ދެކުނު ސަރަޙައްދުތަކުގައި ކޯވިޑްގެ ކޭސްތައް ގިނަވެ، އެސަރަޙައްދުގެ ބަނދަރުތަކުގައި ބޯޓުތައް އޮންނަންޖެހޭ މުއްދަތު އިތުރުވުމުގެ ސަބަބުންވެސް އަގުތައް ވަނީ އުފުލިފައެވެ.