ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާގައި ބޮން ހަރުކުރި ހައިޝަމަށް ދައުވާކުރުމަށް ފޮނުވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި އަލީ ހައިޝަމަށް ދައުވާކޮށް ދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މޭއި މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައިޝަމްއާއިއެކު މިކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި 6 މީހަކު ފުލުހުން ހައްޔަރު ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އަލީ ހައިޝަމް އަކީ ހަމަލާ ދިނުމަށް ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ހަރަކާތްތެރިވީ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހައިޝަމަށް ދައުވާކޮށް ދިނުމަށް ފުލުހުން ޕީޖީ އޮފީހުގައި އެދިފައިވާކަން ހާމަކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފުލުހުން ދައުވާ ކޮށްދިނުމަށް ފޮނުވި ހައިޝަމްގެ މައްސަލާގައި ދައުވާކުރުމާމެދު އަންނަ ހަފްތާގެ ކުރީކޮޅު ގޮތެއް ނިންމޭނެ ކަމަށެވެ. އަދި މިހާރު މަޑުކޮށްގެން ތިބީ ބައެއް ފޮރެންސިކް ރިޕޯޓްތަކުގެ ފައިނަލް ލިބެންދެން ކަމަށް ޕީޖީ ވިދާޅުވިއެވެ.

މިމައްސަލައިގަ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރެއިން 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމަހުގެ 21 ވަނަ ދުވަހު ފުލުހުން ވަނީ ފޮނުވާފައެވެ. ދަޢުވާ ކުރަން ފޮނުވާފައިވަނީ މިހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުވާ އަހުމަދު އަދުހަމް ރަޝީދާއި، މުޖާޒް އަހްމަދު އާއި ތަހުމީން އަހްމަދު އާއި އަހުމަދު ފާތިހު، މައްޗަށެވެ.

މޭއި މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންވެސް ހިމެނެއެވެ. މިހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤްއާއި އަލީ ހައިޝަމްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ ބުރަ، ކާމިޔާބު އެއް ތަހުގީގު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި ގިނަ ގޮންޖެހުންތަކަކާއިއެކު ފުލުހުންގެ ހުރިހާ ބަހާތަކެއްގެ ގިނަ ފުލުހުންތަކެއްގެ ބައިވެރިވުމާއިއެކު އެ ތަހުގީގު ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތްތައް ބަލައިގަންނަ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

6 މޭއިގެ ހަމަލާއާ ގުޅިގެން ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި 5600 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖު ހޯދައި، ދިރާސާކުރުން ހިމެނެއެވެ. އޭގެތެރޭގައި އަމިއްލަ މީސްމީހުންގެ 109 ތަނެއްގެ ސީސީޓީވީ ފުޓޭޖްގެ އިތުރުން މާލެ އާއި ހުޅުމާލެ ހިމެނޭހެން 190 ސަރަހައްދެއްގައި ހަރުކޮށްފައިވާ 372 ޕޮލިސް ސީސީޓީވީ ފުޓޭޖްވެސް ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ. އަދި މި މައްސަލައިގައި މިހާތަނަށް 640 އަށްވުރެ ގިނަ މީހުންނާއި ބައްދަލުކޮށް މައުލޫމާތު ހޯދާ 228 މީހަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި 830 އަށްވުރެ ގިނަ މާއްދީ ހެކި ވަނީ ހޯދާފައެވެ. މި ހުރިހާ މަސައްކަތަކާއެކު ހަމަލާގެ އެންމެ އަޑިއަށް ދެވޭނެ ކަމުގެ ބޮޑު އުންމީދެއް ފުލުހުން ވަނީ ދެއްވާފައެވެ.