ޚަބަރު

ކުރީގެ މެމްބަރު މުހައްމަދު ޢަބްދުﷲ އަލުން ޕީޕީއެމްއާއި ގުޅިއްޖެ


ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ ޕީޕީއެމްއާއި އަލުން ގުޅިވަޑައިގެންފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި އިވެންޓެއްގައި އެޕާޓީގެ ކުރީގެ ބައެއް މެމްބަރުންނާއި، ބައެއް އާންމުންވެސް ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުހައްމަދު އަބްދުﷲ ވިދާޅުވީ އޭނާ ޕީޕީއެމްއާއި އަލުން ގުޅުނީ، ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް އަލުން ކުރެއްވުމަށް ކަމަށެވެ.

ޕީޕީއެމް ދޫކޮށް އެހެން ޕާޓީއަކަށް ދެވުނީތީ ހިތާމަކުރައްވާކަމަށާއި، އެކަމަށްޓަކައި ޕީޕީއެމްގެ ރައީސް ޔަމީންގެ އަރިހުންނާއި އާންމު މެމްބަރުންގެ ކިބައިން އޭނާވަނީ މަޢާފަށް އެދިފައެވެ. ޕީޕީއެމްއާއި މެމްބަރުން ގުޅުމަށް ބޭއްވި މިރަސްމިއްޔާތުގައި ފޯމުތަކާއި ހަވާލުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

ޕީޕީއެމްއާއި އަލުން ގުޅިވަޑައިގެންނެވި މުހައްމަދު އަބްދުﷲ ވަނީ މިހާރު ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށްވެސް ސޮއިކުރައްވާފައެވެ. މުހައްމާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އޭރުގެ މަޖިލިސް ތެރެއިން ކުރެވުނު މަސައްކަތުގައި ޔާމީންގެ ވެރިކަމާއި ދެކޮޅަށް މަޖިލީހުން ނިކުތް 12 މެމްބަރުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ.

ޕީޕީއެމްއިން ބޭއްވި މިރަސްމިއްޔާތުގައި އެޕާޓީގެ އިސްބޭފުޅުންނާއި، ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވެސް ވާހަކަ ދައްކަވާފައިވެއެވެ.