ޚަބަރު

މަޖިލީޙުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހު 16ގައި ފަށަނީ


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހު 16 ވަނަ ދުވަހު ފެށުމަށް މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގެ ދެވަނަ ދައުރަށްފަހު މެމްބަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަށް ބަދަލު ގެނައިފަހުން، އަހަރުގެ ތެރޭގައި އަންނަ މަޖިލީހުގެ އެންމެ ކުރު ދައުރަކީ މަޖިލީހުގެ 2 ވަނަ ދައުރެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ދެވަނަ ދައުރުގެ މަސައްކަތް ނިންމާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓް މަޖިލީހުން ފާސް ކުރުމަށްފަހުގައެވެ.

މަޖިލީހުގެ ފަހުގެ ދައުރުގެ ޖަލްސާތައް މިމަހުގެ މެދު ތެރޭގައި ފެށުމަށް ނިންމައި، މެމްބަރުންނަށް ވަނީ ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ތާރީހުވެސް މިހާރު އަންގާފައެވެ. މަޖިލީހުގެ ފަހުދައުރަކީ ކޮންމެ އަހަރެއްގައިވެސް މަޖިލީހުގެ އެންމެ މަސައްކަތް ބުރަ ދައުރެވެ. ފަހު ދައުރުގައި މިއަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ގިނަ ބިލްތަކެއް ނިންމުމާއި، އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ފާސްކުރުންވެސް އޮންނާނެއެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރަކީ މަޖިލީހުގައި މިހާތަނަށް އެންމެ ބުރަ އަދި އެންމެ މުހިންމު އެއް މަސައްކަތް ކުރެވިގެންދިޔަ ދައުރެވެ. ނިމިޔަ ދައުރުގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ޓެރެރިސްޓު ހަމަލާއަށްފަހު، ހަމަލާގެ އިންކުއަރީ ރިޕޯޓެއް މަޖިލީހުން ވަނީ އެކުލަވާލައި ފާސްކޮށްފައެވެ. ޖުމުލަ 271 ސަފްހާގެ މައްޗަށް އެކުލެވޭ މިރިޕޯޓް ތަޅުމުން ފާސްކޮށްފައިވަނީވެސް 7 ގަޑިއިރުގެ ބަހުސްއަކަށްފަހު 58 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއިއެކު މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތް މިމަހުގެ 16 ވަނަ ދުވަހު ފަށާއިރު، ދައުރު ނިމި މަޖިލިސް އަހަރުގެ ފަހު ޗުއްޓީއަށް ދާނީ ނޮވެންބަރު މަހުގެ ފަހުކޮޅުއެވެ.