ޚަބަރު

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުޤީޤަށް ރައީސް ޔާމީން ރިޔާސީ ކޮމިޝަން ހާޒިރުކުރަނީ


ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބްދުﷲ ގެއްލުވާލި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މަރުކޮމިޝަންގެ މެމްބަރަކު ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުވުމަށް ދަންނަވާފައިވަނީ މ.ޝަނިން ސްޓަރ އަހުމަދު ރިޞުވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ކޮމިޝަނުން ކުރަމުންދާ ތަހުގީގުގައި ސުވާލު ކުރުމަށްކަމަށެވެ. އެގޮތުން އަންނަ އަންގާރަދުވަހު ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުވާން ރައީސް ޔާމީންއަށް ދަންނަވާފައިވާކަމަށް ރިޔާސީ ކޮމިޝަނުގެ މެމްބަރަކު ވިދާޅުވިއެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ގެ ކައިރިން ފެނުނު ކަމަށް ބުނާ ވަޅީގެ ފޮޓޯ ޢާންމުކޮށް، އެ ވަޅިއާ ބެހޭ މަޢުލޫމާތެއް އެނގޭނަމަ ކޮމިޝަނާއި ހިއްސާ ކުރުމަށްވެސް ވަނީ އެދިފައެވެ. އަދި ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ އަޙުމަދު ރިޝްވާން ޢަބްދުﷲ ގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެކަމަށްވެސް އެކޮމިޝަންގެ ބަޔާނުގައިވެއެވެ. އަދި، އެ މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަންވެސް އަރުވާކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވިދާޅުވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރިޟްވާން ގެއްލުވާލި މައްސަލަ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކު ތަޙްޤީގުކުރަމުންދާކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންނުން ވަނީ ހާމަކުރައްވަފައިވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ ޢާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ހުރަސްތަކާއި ދަތިތަކާއެކުވެސް ރިޟްވާނުގެ މައްސަލައަށް އިންސާފު ހޯދުމަށް ކުރެވެންހުރި ހުރިހާކަމެއް ހުއްޓާނުލައި ސަރުކާރުން ކުރިއަށްގެންދާނެކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ މިމައްސަލައިގެ ރިޕޯޓް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވާފައެވެ. ނަމަވެސް ތަޙްޤީޤަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުންވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވާފައެވެ.