ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ބޭނުންކުރުމަށް 1400 ބޮޑީ ވޯން ކެމެރާ ނުވަތަ ޔުނިފޯމުގައި ހަރުކުރާ ކެމެރާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފްރޮންޓްލައިން ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ސަޕްލައި ކޮށްދޭން، ބީލަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ. އެ މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ބީ އުސޫލުން ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 390،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ފުލުުހުންގެ ބޭނުމަށް 1400 ބޯޑީ ވޯން ކެމެރާ ނުވަތަ ޔުނިފޯމުގައި ހަރުކުރާ ކެމެރާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިފަދަ ކެމެރާ ބޭނުންކުރުމުގެ ޓްރައަލްތަކެއް ނުވަތަ އަޖުމަ ބެލުމުގެ މަސައްކަތްތަކެއް މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ވަނީ ކޮށްފައެވެ. މިކަމާގުޅިގެން އޭރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ، ދިވެހި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފުލުހުންގެ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަމުން އަންނަކަން އެމަނިފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ފޭރުމާއި، ފުރައްސާރައިގެ މައްސަލަތައް އިތުރުވަމުންދާއިރު، މިކަންކަމުގެ މައްސަލައިގައި އެކަށޭނަ ހެކި ނުލިބުމުން ކުށްވެރިން ވަނީ ދޫކޮށްލަންޖެހިފައެވެ. ފޭރާމުގައި ހަރުކުރެވޭ ކެމެރާއާއެކު މިފަދަ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް ބެލެވެއެވެ.
ފުލުހުންގެ ޚިދުމަތް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 2019 ވަނަ އަހަރުގެ ފަހުކޮޅު ފުލުހުންވަނީ ވެހިކަލް ދުއްވާ ބާރުމިން ދެނެގަތުމަށް އެންމެ ޒަމާނީ ސްޕީޑް ގަން ބޭނުންކުރަން ފަށާފައެވެ. އެގޮތުން 320 ކިލޯމީޓަރު ބާރުމިނާ ހަމައަށް ދުއްވާ އުޅަނދުތަކުގެ ފޮޓޯ އާއި ވީޑިއޯ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރިކޯޑުކޮށް ރައްކާކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. ޓްރެފިކް މޮނީޓަރ ކުރުމަށް ފުލުހުން ކުރިއަށްގެންދާ އެކި އޮޕަރޭޝަންތަކުގައި ފުލުހުން އަންނަނީ މި ގަން ބޭނުންކުރަމުންނެވެ.