ޚަބަރު

އެސްޓީއޯގެ ބޭސްފިހާރަތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައިފި


އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން އެސްޓީއޯގެ ބޭސްފިހާރައިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައިފިއެވެ.

މިއީ ސަރުކާރުގެ ކުންފުންޏަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން އެއްކޮށް ހުއްޓާލި ފުރަތަމަ ފަހަރެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން ބޮޑު ކެމްޕޭނެއް ކުރިއަށްގެންދާއިރު މިކެމްޕޭނަށް ސަރުކާރުގެ ކުންފުނިތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދެމުންނެވެ. މި ކެމްޕޭނުގެ ދަށުން އެސްޓީއޯއިން ވަނީ މިހިނގާ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެސްޓީއޯގެ ބޭސްފިހާރަތަކުން ބޭސްވިއްކާއިރު ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާފައިކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެސްޓީއޯގެ ފާމަސީތަކުން ބޭސް ދޫކުރާނީ ކަރުދާސް ކޮތަޅުގައިކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. އެސްޓީއޯއިން ހާމަކުރައްވާ ގޮތުގައި މިއީ ސަރުކާރުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ. އަދި ކުރިއަށް އޮތްތަނުގައި އަތޮޅު ތެރޭގައި ހުރި އެސްޓީއޯގެ ބޭސް ފިހާރައަކުންވެސް މިބަދަލު ފެނިގެންދާނެކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

2023 ވަނަ އަހަރާ ހަމައަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން ހުއްޓަލާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކުން ދެއްވާ އެއްބާރުލުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ފާހަގަކުރައްވައެވެ.

މިކެމްޕޭން ރަސްމީކޮށް ފެށުމަށްޓަކާ ސަރުކާރުންވަނީ ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފުޅި ބޭނުންކުރުން ހުއްޓުވުމަށްޓަކާ ބިއްލޫރި ފުޅި ތަޢާރަފްކޮށްފައެވެ. އަދި މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބައެއް ބާވަތްތަކުގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުންވަނީ މަނާކޮށްފައެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުންކުރާ ހުރިހާ ބާވަތެއް ވަނީ މަނާކޮށްފައެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި ރާއްޖެއަށް އެތެރެކުރުން މަނާވާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މީގެއިތުރުން ޕްލާސްޓިކް ނޫންބާވަތްތަކަށް ރައްޔިތުން އަހުލުވެރިކުރުވުމާ ގުޅޭގޮތުން ހޭޅުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.