ޚަބަރު

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ހުޅުވާލައިފި


ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

މިމަޤާމަކީ ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ބިލުގައިވާގޮތުގެ މަތީން އައްޔަން ކުރަންޖެހޭ މަޤާމެކެވެ. ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 އޮގަސްޓު 10 އާއި 11 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މިޤާނޫނުގެ ދަށުން އެކުލަވާލެވޭ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ އުފުލާ ފަރާތަކީ ޗީފް ސްޓެޓިސްޓީޝަންއެވެ. ޗީފް ސްޓެޓިސްޓީޝަން ޢައްޔަނުކުރާނީ، އެ މަޤާމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމުންނެވެ. އަދި އެމަޤާމަށް ނަން ހުށަހެޅޭތާ 30 ދުވަހުގެ ތެރޭގައި ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް މީހަކު އައްޔަންކުރަންޖެހެއެވެ. ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރިވާނީވެސް ޗީފް ސްޓެޓިސްޓީޝަނެވެ.

މިޤާނޫނު ތަންފީޒުކުރުމަށްޓަކައި ފުޅާދާއިރާއެއްގައި މައުލޫމާތު އެއްކޮށް ހާމަކުރުމުގެ ޒިންމާ ބިއުރޯއިން އަދާކުރަންޖެހެއެވެ. އެގޮތުން ކައުންސިލްތަކާއި ގުޅިގެން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތަކެއްވެސް މިބިލުގައި ކަނޑައަޅާފައި ވެއެވެ. ކައުންސިލެއްގެ އިޚްތިޞާސް ހިނގާ ދާއިރާގައި، ރަސްމީ ތަފާސް ހިސާބު އެއްކުރުމަށް ކުރެވޭ ސަރވޭތަކާއި ބޯހިމެނުމުގައި ތަފާސް ހިސާބުގެ ޤައުމީ ނިޒާމުގައި ހިމެނޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. އަދި މިމަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވައި މައުލޫމާތުތައް ބެލެހެއްޓުމަކީވެސް ބިއުރޯގެ ޒިންމާއެކެވެ.

ތަފާސް ހިސާބުގެ ޤާނޫނަކީ ރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދަށް ޤާނޫނީ ބާރު ލިބިދިނުމަށް، ދިވެހިރާއްޖޭގައި ތަފާސްހިސާބާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައް ކަނޑައަޅައި، އެކަންކަން ހިންގުމަށްޓަކައި މިނިވަން މުއައްސަސާއެއް އުފެއްދުމާއި، އެ މުއައްސަސާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އެކުލަވާލާފައިވާ ޤާނޫނެކެވެ.