ޚަބަރު

އިތުރު 3،308 މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ރާއްޖެއިން އިތުރު 3،308 މީހުން ކޯވިޑުން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 271،552 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 3،308 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަކުރި 1،008 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 2،300 މީހުންނެވެ. މިއާއެކު ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދުވަނީ 271،552އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އާދިއްތަ ދުވަހު ޖަހާފައިވަނީ 858 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 584 މީހަކާއި އަތޮޅުތެރެއިން ވެކްސިން ޖެހި 274 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 323،568 އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ސަރުކާރުން މިހާރު އަނެއްކާވެސް ވަނީ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް މުޅިން އާ ޕްރޮގްރާމެއް ފަށާފައެވެ. އަދި އެސްޓްރަޒެނަކާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.