ޚަބަރު

އެމްއާރުއެމްއިން ވަކިކުރުމަށްފަހު، ކަމާލުއްދީނަށް ޕާޓީ ހެދުމުގެ ހުއްދަ ދީފި


މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ މެމްބަރުކަމުން ވަކި ކުރުމަށްފަހު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަބްދުﷲ ކަމާލުއްދީނަށް ދެއްވައިފިއެވެ.

ކަމާލުއްދީނަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި، ހުއްދަ ދީފައިވަނީ އިއްޔެއެވެ. ކަމާލުއްދީނަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ފުރަތަމަ ހުށަހެޅިއިރު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުމް)ގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމުގެ ސަބަބުން، ކަމާލުއްދީން ހުށަހެޅުއްވި ފޯމް ބާތިލްކުރުމުން ދެވަނަ ފަހަރަށް އެދުމުން (އެމްއާރުއެމް)ގެ މެމްބަރުކަމުން ވަކި ކުރުމަށްފަހުއެވެ. ޢަބްދުﷲ ކަމާލުއްދީންވަނީ ޖުމްހޫރީ ޕާޓީގެ އިސްސަފުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ.

ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ކަމާލުއްދީން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ޕާޓީ ހެދުމުގެ ހުއްދަދޭތާ 3 މަސް ދުވަހުގެ ތެރޭގައި 3،000 މީހުންގެ ސޮޔާއިއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ 5 މެމްބަރުން ހިމެނޭހެން އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އިސްކޮށް ހުންނަވައިގެން ގެންދަވަނީ ކުރައްވަމުންނެވެ. ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ.