ޚަބަރު

ފެނަކައާ ހަވާލުވިއިރު، 730 މިލިޔަން ރުފިޔާގެ ބިލު އެސްޓީއޯއަށް ނުދައްކާ އޮތް: ސައީދު


ފެނަކަ ކޯޕަރޭޝަނާއި ހަވާލުވިއިރު، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ ފިއުލްސަޕްލައި މޯލްޑިވްސްއަށް ދައްކަންޖެހޭ 730 މިލިޔަން ރުފިޔާ ނުދައްކައި އޮތްކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ތެޔޮ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ފޯރުކޮށް ދެމުންދަނީ އެސްޓީއޯއިން ކަމަށެވެ. އެސްޓީއޯއިން ތެޔޮ ގަތުމަށް ފެނަކައިން ނިންމި އެންމެ ބޮޑު މަޤްސަދަކީވެސް މިޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ޚިދުމަތަކަށްވާއިރު، ޚިދުމަތް މެދުނުކެނޑި ފޯރުކޮށް ދިނުމުގެ ބޭނުމުގައެވެ.

ތެޔޮ ގަތުމަށްފަހު ފިއުލް ސަޕްލައިއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށްބުނެ ދައްކަމުންދާ ވާހަތަކާއި ގުޅިގެން ސައީދު ވިދާޅުވީ، ފެނަކައިން ތެޔޮ ގަންނަނީ ބަރާބަރަށް ފައިސާ ދެއްކުމަށްފަހު ކަމަށެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ކުޑަ ޑިލޭއެއް އުޅުނު ނަމަވެސް ކުންފުންޏާއި ހަވާލުވިފަހުން މިހާތަނަށް ބަރާބަރަށް ފައިސާ ދައްކަމުން ގޮސްފައިވާކަމަށެވެ. އެގޮތުން މިހާތަނަށް 1.8 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށެވެ. ނަމަވެސް މިހާރު އޮތް މެނޭޖްމަންޓް ފެނަކައާ ހަވާލުވުމުގެ ކުރިން، އެފްއެސްއެމްއަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ގޮސްފައިނުވާކަން އެމްޑީވަނީ ފާހަގަކޮށްފައެވެ. އެގޮތުން 730 މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުދައްކައި ހުރިކަން ސައީދު ވަނީ ފާހަގަކޮށްފައެވެ. މިފައިސާވެސް ދައްކާފައިވަނީ މިހާރު އޮތް މެނޭޖްމަންޓުން ކަމަށާއި، އެހާބޮޑު އަދަދަކުން ފައިސާ ނުދެއްކި އޮތުމުން އެކަމާ ގިނަ ސުވާލުތަކެއް އުފެދޭކަމަށް ސައީދު ވިދާޅުވިއެވެ.

"އޭރުގައި އޮތް ދަރަންޏާއި، އަޅުގަނޑުމެން މިއަދާއި ހަމަޔަށް އޮތް އެއްޗާއި، ގާތް ގާތް ގަނޑަކަށް އަޅާކިޔާއިރު، ހިސާބުތަކުން 50 އަކަށް މިލިޔަން ރުފިޔާގެ ތަފާތެއް އޮންނާނީ. ނުދެއްކި އޮންނާނީ. ދެން އެނުދެއްކި އޮތް ހާލަތު އެސްޓީއޯއަށްވެސް ރަނގަޅަށް އެނގޭނެ." ސައީދު ވިދާޅުވިއެވެ.

ފާއިތުވެދިޔަ ތަނުގައި ފެނަކަ ހިންގުމުގައި ހުރި ދޯދިޔާ ކަންތައްތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ ކޯވިޑްގެ މިދަތި ދުވަސްތަކުގައިވެސް ފެނަކަ ހިންގަމުން ދިޔައީ އެއްވެސް ލޯނެއް ނުނަގައިކަމަށެވެ. ނަމަވެސް ކުރިން ފިނޭންސް މިނިސްޓްރީއާއި، އެމްއައިބީން ބޮޑެތި ލޯނުތަކެއްވެސް ނަގާފައިވާކަމަށެވެ. ފެނަކައިން ބޮޑެތި އަދަދުތަކުން ލޯނުތައް ނެގުމަށްފަހު އެއްވެސް ބޮޑު އިންވެސްޓް މަންޓެއް ނުކުރެވިވާއިރު، 730 މިލިޔަން ރުފިޔާ ނުދެއްކި އޮތީ ކޮން ސަބަބަކާއި ހެދިކަމެއް އެއްގޮތަކަށްވެސް ނޭގޭކަމަށް ސައީދު ވިދާޅުވިއެވެ.

ފެނަކައިން މިހާރު މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށް ދިނުމަށް ކަމަށާއި، އަދި މިހާރު ކުރިއަށްދާ ޒަމާނީ އިންޖީނުގޭތަކުގެ މަސައްކަތް ނިމުމުން ޚިދުމަތްތަކަށް އިތުރު ކުރިއެރުން އަންނާނެކަމަށެވެ.