ޚަބަރު

ކުޑަފަރީގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ހޮސްޕިޓަލް އެނދު


ކުޑަފަރީގައި ތިބި ދޮށީ އުމުރުގެ ފަރާތްތަކުގެ ތެރެއިން ތެދުވެ ނޫޅެވޭ ޙާލަތުގައި ތިބި ފަރާތްތަކަށް ހޮސްޕިޓަލް އެނދު ފޯރުކޮށްދީފިއެވެ. މިއެނދުތައް ފޯރުކޮށްދިނީ މިދިޔަ ހޯމަދުވަހުގައެވެ. އެރަށު ކައުންސިލުން މިމަސައްކަތް ކޮށްފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އެހީތެރިކަމާއެކުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުޙައްމަދު ވިދާޅުވީ އެ ރަށުގައި ތިބި ދޮށީ އުމުރުގެ ފަރާތްތަކުގެ ތެރެއިން ތެދުވެ ނޫޅެވޭ ޙާލަތުގައި ތިބީ 8 މީހުންކަމަށެވެ. އަދި މިހާތަނަށް ހޮސްޕިޓަލް އެނދު ފޯރުކޮށްދިނީ 7 މީހަކަށްކަމަށާއި އެނދު ފޯރުކޮށް ނުދެވޭ ފަރާތަށް ކުރިއަށްއޮތް ހަފްތާގެ ތެރޭގައި އެނދު ފޯރުކޮށްދެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަލީ ޝަމީމް ވިދާޅުވީ މިފަރާތްތަކަށް ހޮސްޕިޓަލް އެނދުތައް ފޯރުކޮށްދީފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އެގެތަކަށް ޒިޔާރަތްކޮށް އެމީހުންގެ ހާލަތު ބެލުމަށްފަހު އާއިލާގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެނދުގެ އިތުރަށް އެފަރާތްތަކަށް ވީލް ޗެއަރވެސް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އެނދުތަކަކީ ހޮސްޕިޓަލްތަކުގައި ހުންނަ އެނދުތަކާ އެއް ފެންވަރެއްގެ އެނދުތަކެއްކަން ފާހަގަ ކުރައްވާ އޭނާ ވަނީ ގިނަދުވަހު އެނދުތައް ބޭނުންކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެނދުތައް ހަލާކުވެއްޖެނަމަ އިތުރު އެނދެއް ހޯދުމުގައި އެހީތެރިވެދެއްވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ތެދުވެ ނޫޅެވޭ ޙާލަތުގައި ތިބި ފަރާތްތަކަށް މި އެނދުތައް ފޯރުކޮށްދިނުމުން މި ފަރާތްތައް ލޯތްބާއި އަޅާލުމާއެކު ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރަމުން އަންނަ އާއިލާތަކަށް މިކަމުގެ ސަބަބުން ލުއިފަސޭކަމެއް ލިބިގެން ދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ރަށު ކައުންސިލުން ވިދާޅުވިއެވެ.

ކުޑަފަރީ ކައުންސިލުން އަންނަނީ ރަށުގައި ދިރިއުޅޭ އެކި ފަންތީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކައުންސިލުންވަނީ ދަރިވަރުންގެ ޔުނީފޯމާއި ބޫޓާއި ފެން ފުޅި ފަދަ ތަކެތި ގަތުމަށް 2،000 ރުފިޔާގެ ލޯނެއް އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމެއްގެ ދަށުން ހަމަޖައްސާފައެވެ. މީގެ އިތުރުން މިހާރު ކައުންސިލުން އަންނަނީ އެ ރަށުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެ ރަށުގައި ފަޤީރު ހާލަތުގައި ތިމި މީހުންނާއި ޔަތީމުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި މިއަހަރު ޚާއްސަ އިސްކަމެއް ދީގެ ނުކުޅެދޭ މީހުންނަސް އެހީވުމަށް ހަރަކާތްތައް ހިންގަން ރާވާފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.