ޚަބަރު

ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް މެދުކަނޑާލައިފި


މާލޭ ސިޓީގެ މަގުތަކުގައި، ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އެ މަސައްކަތް ހުއްޓާލާފައިވާކަން ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މާލޭ ސިޓީ ކައުންސިލްގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯއްދެވުމުގެ ގޮތުން ބޭއްވި ގަލޮޅު އަވަށުގެ ރައްޔިތުންގެ ބައްދަލުވުމުގައި، ގަލޮޅުގެ ރައްޔިތެއްގެ ފަރާތުން ހުށަހެޅި ޚިޔާލަކާ ގުޅިގެންނެވެ.

ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ފާހަގަކުރެއްވި ގޮތަށް، އުޅަނދުތައް ނެގުމުގައި ކަންތައް ކުރެވެނީ އެންމެ އިސްސާފްވެރި ގޮތަށް ނޫން ކަމަށް ޤަބޫލް ކުރައްވައި އެމަސައްކަތް އިންސާފްވެރި ކަމާއެކު ކުރުމަށްޓަކައި މިހާރުން ފެށިގެން އެ މަސައްކަތް ވަގުތީގޮތުން ހުއްޓާލެއްވީކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކި ގަލޮޅުގެ ރައްޔިތަކު ވިދާޅުވީ މަގުތަކަށް ދޫކޮށްލެވިފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތަކީ ރަނގަޅު މަސައްކަތެއްކަމަށާއި އެހެންނަމަވެސް މިކަން ކުރެވެމުންދަނީ އިންސާފުވެރިކަމާއެކު ނޫންކަމަށެވެ. އެގޮތުން ކޯވިޑްގެ ދަތި ދުވަސްވަރެއްގައި ރައްޔިތުން ދުއްވަމުން ގެންދިޔަ އުޅަނދުތައް މަގުމަތީގައި ހުންނާނެކަމަށާއި އެފަދަ އުޅަނދު ތަކަކީ ބޭނުންނުކުރެވި ދޫކޮށްލެވިފައިވާ އުޅަނދުތައް ކަމުގައި ބަލައިގެން ނެގުމަކީ އިންސާފްވެރިގޮތެއް ނޫންކަމަށެވެ. އަދި އެކަމުގެ ސަބަބުން މި ދަތި ދުވަސްވަރުގައި ދިމާވެފައިވާ މާލީ ދަތިކަމުގެތެރެއަށް އިތުރު ތަކުލީފެއްލިބިގެންދާ ކަމަށާއި މިފަދަ ދުވަސްވަރެއްގައި މިއަށްވުރެ ރަނގަޅަށް ބެލިގެން މި މަސައްކަތްކުރުން ރަނގަޅުވާނެކަމަށެވެ.

ހަލާކުވެގެން މަގުމައްޗަށް ދޫކޮށްފައިވާ އެއްގަމު އުޅަނދުތަކާއި ނުދުއްވާ ގިނަދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ފުލުހުންނާ ގުޅިގެން ފަށާފައިވަނީ މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގައެވެ. އުޅަނދުތައް ނެގުމުގައި ފުރަތަމަ ބަލާނީ މިކަމަށްޓަކައި ކުރި ސަރވޭ ރިޕޯޓްތަކުން ދައްކާ އުޅަނދުތައް ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. ސިޓީ ކައުންސިލުން މި ސަރވޭކޮށްފައިވަނީ މިދިޔަމަހުގެ 22 އިން 27 އަށެވެ. މި ސަރވޭއިން ގަލޮޅުން 20 އުޅަނދު، މައްޗަންގޮޅިން 43 އުޅަނދު، ހެންވޭރުން 34 އުޅަނދު އަދި މާފަންނުން 62 އުޅަނދު ނައްތާލަންޖެހޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މާލޭގެ މަގުތަކުގައި ހުރި ނުދުއްވާ ގިނަ ދުވަސްވެ، ހަލާކުވެފައިވާ އުޅަނދުތައް ނުނަގާނަމަ "އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު"ގެ 6 ވަނަ ނަމްބަރުގެ ދަށުން ނަގައި ނައްތާލެވޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އެއްގަމު އުޅަނދު ނެގުމުގެ ތެރޭގައާއި ނެގުމަށްފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގްރޭޓަރ މާލޭ ސަރަހައްދުގައި ރަޖިސްޓަރީކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި، ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތްވެސް މާލޭ ސިޓީ ކައުންސިލުން ކުރާގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބަދަލުކުރައްވާފައެވެ. އެހެންކަމުން މާލެއާއި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަރާޖު ޗެކް ކުރުމާއި، ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާގޮތަށް ވަނީ ހަމަޖއްސާފައެވެ .