މުދާ ބޭރުކުރާ މިންވަރު އިތުރުވުމާއިއެކު ޖަޕާނުގެ އިޤްޠިޞާދު އަހަރުގެ ދެވަނަ ކުއާޓަރުގައި އާރާސްތުވާނެ ކަމަށް ރޮއިޓާރސްއިން ކުރިއަށް ގެންދިޔަ ޕޯލަކުން ދައްކައިފިއެވެ. ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމާއިހެދި ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކުރުމުގެ ސަބަބުން ކުރިއަރާފައިވާ އެހެން ޤައުމުތަކާއި ވާދަކުރުން ޖަޕާނަށް ގޮންޖެހުމަކަށް ވާނެކަމަށް މާހިރުން ދެކިއްލަވައެވެ.
އެގޮތުން އިޤްޠިޞާދީ މާހިރު ޔޮޝިކީ ޝިންކޭ ވިދާޅުވާގޮތުގައި ޖުލައި މަހުން ސެޕްޓެމްބަރުގެ ނިޔަލަށް ޖަޕާނުގެ އިޤްޠިޞާދީ ޙާލަތު މާ ރަނގަޅުނުވާނެކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި އޮތުމުގެ ސަބަބުން ހޫނު މޫސުމުގައި މާބޮޑު ފައިދާއެއްވެސް ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖަޕާނުގެ ޖީޑީޕީ 3.9 އިންސައްތައަށް ދަށްވެފައިވީނަމަވެސް ދެވަނަ ކުއާޓަރުގައި މި ޢަދަދު 0.7 އިންސައްތައަށް އިތުރުވެފައިވާކަމަށް ޕޯލުން ދައްކައެވެ. ނަމަވެސް ޚިދުމަތްތަކާއި އުފެއްދުންތައް ބޭނުންކުރާ މިންވަރު ބަލިމަޑުކަމުގެ ސަބަބުންވަނީ 0.1 އިންސައްތައަށް ދަށްވެފައެވެ. މީގެއިތުރުން ޖަޕާނުން މުދާ އެތެރެކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
ޖަޕާނުގެ އިޤްޠިޞާދު ފުރަތަމަ ކުއާޓަރުގައި ދަށްވެފައިވަނީ ބަލިމަޑުކަމުގެ ސަބަބުން ޚިދުމަތްތަކާއި އުފެއްދުންތައް ބޭނުންކުރާ މިންވަރު ދަށްވެފައިވުމުންނެވެ. މީގެއިތުރުން ދުނިޔޭގެ ބާޒާރުގައި ޗިޕް ލިބުން ދަތިވުމުގެ ސަބަބުން ޖަޕާނުގެ އުފެއްދުންތެރިކަމަށްވެސް ވަނީ އަސަރުކޮށްފައެވެ.