ޚަބަރު

ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ޚާއްޞަ ޕާކިންގ ޒޯނުން، ޖާގަ ދޫކުރަން ފަށައިފި


ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަ ކޮށްގެން މާލޭ ހުޅަނގު ފަރާތުގައި ހެދި ޕާކިންގ ޒޯނުން ޖާގަ ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން ޕާކިން ޒޯނުން ޖާގައަށް އެދުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މާލެ ސިޓީގައި ދުއްވުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރުތަކުގެ ތެރެއިން ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ހަތަރު ފުރޮޅުލީ ވެހިކަލްތައް، އަގުނަގައިގެން ޕާކްކުރުމަށް މިތަނުން ޖާގަ ދޫކުރާނެކަމަށެވެ. އެގޮތުން ޖާގަ ދޫކުރެވޭނީ ކާރު، ވޭން އަދި 350 ކިލޯގެ ޕިކަޕަށް ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ޕާކްކުރުމަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިންރުއް ޕާކު ސަރަހައްދުގެ ޕާކިން ޒޯން އިން 20 ޖާގަ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މި ޕާކިންގ ޒޯނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށެވެ. އެގޮތުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް 15 ޖާގަ ދޫކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ބާކީ 5 ޖާގަ ދޫކުރެވޭނީ ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއްވިއެވެ.

މި ޕާކިން ޒޯނުން ޖާގައަށް އެދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު ޖާގައަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ސިޓީއާއެކު، އައިޑީކާޑުގެ ކޮޕީ އަދި ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އަދި ވިލިމާލޭގައި ދިރިއުޅޭ ނަމަވެސް ވިލިމާލޭގެ ރަށްވެއްސަކަށް ނުވާ ފަރާތްތަކުން މިތަކެތީގެ އިތުރުން، ވިލިމާލޭގައި ދިރިއުޅެމުންދާ ފަރާތެއްކަން އެނގޭނެ ފަދަ ސިޓީއެއް ގޭގެ ވެރިފަރާތުގެ ނަމުގައި ހުށަހަޅަންޖެހޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ސިޓީ ހުށަހަޅަންވާނީ ސިޓީގައި ވިލިމާލޭ ސެކްޝަނުން ސައްހަ ކަމަށް ކަނޑައަޅާފައިވާ ތަތްގަނޑު ޖެހުމަށްފަހުކަމަށެވެ. އަދި ޕާކިން ޒޯނުން ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޕާކިންގް ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ނިންމާފައިވަނީ ޓެކްސީ ބޯޑްޖެހި ކާރަށާއި ޕިކަޕަށް މަހަކު 750 ރުފިޔާ، އަދި އެހެނިހެން އުޅަނދުތަކަށް މަހަކު 1500 ރުފިޔާއަށެވެ. ނަމަވެސް މި ދުވަސްވަރަކީ ކޯވިޑުގެ ހާލަތުގެ ދުވަސްވަރު ކަމުން މި ޙާލަތު ބަދަލުވެއްޖެކަމަށް ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1000 ރުފިޔާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއްވިއެވެ.

ވިލިމާލެއަކީ އާއްމު އުސޫލެއްގެ ގޮތުން އެއްގަމު އުޅަނދުފަހަރު އެރުވުމާއި ރަށުގައި ދުއްވުން މަނާ ރަށެކަމުން އެރަށުގައި ދިރިއުޅޭ ފަރާތްތަކުން ދުއްވާ އުޅަނދުތައް ޕާކްކޮށްފައި ހުންނަނީ މާލޭގެ ހުޅަނގު ފަރާތުގައި ހުންނަ ވިލިމާލެ ފެރީޓާމިނަލް ހިމެނޭ ސަރަޙައްދުުގައެވެ.