ޚަބަރު

ކިޔަވައިދިނުމަށް މުދައްރިސުންނާއި ސްކޫލްތައްވެސް އޮތީ ތައްޔާރަށް


2020 ވަނަ އަހަރުގެ ކިޔެވުން ނިންމާ 2021 ވަނަ އަހަރުގެ ދިރީސީ އާ އަހަރު ފަށަން މި ތައްޔާރުވީ ދަތި އުނދަގޫތަކެއް ކަނޑައްތު ކުރުމަށްފަހުގައެވެ. މުޅި ތަޢުލީމީ ދާއިރާ ބަދަލުކޮށްލީ ކޯވިޑް19ގެ މި އާލަމީ ވަބާގެ ސަބަބުންނެވެ. ބަލި މާލެއިން ފެނި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެތުރެން ފެށުމާއުކު ސްކޫލްތައް ޖެހުނީ ބަންދުކުރާށެވެ. މިދިޔަ މާރޗްމަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 1 ވަނަ ދުވަހާ ހަމަޔަށް ދަރިވަރުންނަށް ކިޔަވައިދޭން ޖެހުނީ މިއިން ދުވަހަކުވެސް ހީނުކުރާ ފަދަ ގޮތަކަށް އޮންލައިންކޮށެވެ.

ނަމަވެސް ހާލަތު ބަދަލުވަމުން އައިގޮތުން މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަޙައްދުތަކުގެ ސްކޫލްތަކުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފެށިއެވެ. އަދި މާލެ ސަރަޙައްދުގައި ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެމުން ގެންދިޔައީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށެވެ. ނަމަވެސް މާލޭގައި އަނެއްކާވެސް ކޭސްތައް އިތުރުވާން ފެށިއެވެ. އޭގެ ނަތީޖާއަކަށްވީ އަހަރުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންގޮސް ނިންމާލުމެވެ.

ހިތް ދަތިއަހަރަކާއެކު މިދިޔަ ދިރާސީ އަހަރުގެ ކިޔެވުން ނިންމިނަމަވެސް އަންނަ އަންގާރަދުވަހު އަނެއްކާވެސް ތަޢުލީމީ ދާއިރާއަށް އުޖާލާކަން އަންނާނެކަން ކަށަވަރެވެ. ކޯވިޑްގައި ޤައުމުގެ ހާލަތު އިހުނަށްވުރެ ރަނގަޅުވެ މިވަނީ ދަރިވަރުން ސްކޫލްއަށް ހާޒިރުކޮށްގެން ކިޔެވުމަށް ނިންމާފައެވެ. އަދި މެދުނުކެނޑި ކިޔެވުން ކުރިއަށް ގެންދިޔުމަށްޓަކައި ސްކޫލްތައް އޮތީ ތައްޔާރަށެވެ.

ގާތްގަނޑަކަށް ދޮޅު އަހަރު ދުވަސް ވަންދެން ސްކޫލްތައް ފަޅަށް އޮތް އޮތުން ނިމުމަކަށް އައިސް ދަރިވަރުން ސްކޫލްއަށް އަންނަންވާއިރަށް ސްކޫލްތައް އާބާތުރަފިލުވާ ދަރިވަރުންނަށް ދޭންޖެހޭ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް އޮތީ ތައްޔާރަށެވެ. ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތިބީ ހަމަޖެހިފައެވެ. އެ މުދައްރިސުން މިހާރު އެ ގެންދަނީ ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދިނުމަށް ވަންޖެހޭ އެންމެ ފުރިހަމައަށް ތައްޔާރުވަމުންނެވެ. އާ އަހަރެއް ފަށާއިރު އާ ދަރިވަރުންތަކަކާ ބައްދަލުވެ އެކުދިންނަށް ކިޔަވައިދޭނެ ގޮތް ތައްޔަރުކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްކަންދަރު ސްކޫލްގެ ޕްރިންސްޕަލް ހުސައިން ސަޢީދު ވިދަޅުވީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެޗްޕީއޭއިން އެކުލަވާލާފައިވާ ހުރިހާ އުޞޫތަކަށް އަމަލުކުރަމުން ގެންދާނެކަމަށެވެ. މިގޮތުން ކްލާސް ރޫމްތެރެއާއި ސްކޫލްގެ ގޯތިތެރޭގައިވެސް ރައްކާތެރިވުމަށްޓަކައި ހުރިހާ ފިޔަވަޅުތަކެއް އަޅާފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ސައީދު ވަނީ ސްކޫލްތެރެއަކީ އެންމެ ރައްކާތެރިތަންކަން ފާހަގަކުރައްވާ އިހުނަށް ވުރެ ބޮޑަށް ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ޖެހިލުންނުވެ ދަރިވަރުން ސްކޫލްއަށް ފޮނުވުމަށާއި ސްކޫލް ތަކުގައިވެސް ގޭގައި ބެލެނިވެރިން ބަލާ ގޮތަށް ބަަލަމުން ގެންދާނެކަމަށެވެ،

"ގިނަ ދުވަސްތަކަކަށް ފަހު ދަރިވަރުން ސްކޫލްއަށް އައުމުން ނަފްސާނީ ގޮތުންވެސް އެތަކެއް ސަޕޯޓްތަކެއް ލިބިގެން ދާނެ. ކުދިން ސްކޫލްއަށް އަންނަ ފުރަތަމަ ދުވަހުވެސް އެކުދިންގެ ފެންވަރަށް ބަދަލުތަކެއް އައިސްފައިވޭތޯ ބަލާނެ. ކޮންކަހަލަ އެހީތެރިކަމެއްތޯ އެކުދިންނަށް ފޯރުކޮށްދޭން ޖެހޭނީ. މިކަންތައްވެސް ބަލާނެ. މިހާރު އެކަމަށް ޕްލޭންތަކެއް އެކުލަވާލާފައި ވަނީ. "ހުސައިން ސައީދު ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލްގެ ޕްރިންސްޕަލް އައިޝަތު މުޙައްމަދު ޞާލިހް ވިދާޅުވީ ސްކޫލް ހުޅުވާ ކިޔަވައިދިުނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. މިގޮތުން ސްކޫލް މަރާމާތު ކުރުމާއި އާބާތުރަ ފިލުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މުދައްރިސުން ހަމަވެފައިވާކަމަށާއި ކިޔަވައިދިނުމުގެ ފުރަތަމަ ހަފްތާގައި ކުރިއަށް ގެންދާގޮތްތައް ޕްލޭންތައް އެކުލަވާލާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑުން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް މިއަހަރުވެސް ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާނެކަމަށެވެ. ސްކޫލްއަށް ފޮނުވައިގެން ކިޔެވުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާ އޭނާ ވަނީ ބެލެނިވެރިންވެސް ދަރިވަރުން ސްކޫލްއަށް ފޮނުވުމަށް ބާރުއެޅުއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

" އާ މުދައްރސިުންނާ ގުޅުން ބަދަހިކުރުން ވަރަށް މުހިއްމު ވާނެ. ސްކޫލް ހުޅުވުމާއެކު ދަރިވަރުންގެ ކަންކަން ތަރުތީބުކޮށްލަން ވާނެ. ދަރިވަރުންގެ ކިޔެވުމުގެ ކަންކަމާއި ޓިއުޝަންގެ ކަންތައްތައް ރާވާލަން މިހާރު ވާނެ."ހުސައިން ސައީދު ވިދާޅުވިއެވެ.

ސްކޫލްތަކުން ވަމުންދާ ތައްޔާރީތަކަށް ބަލާލާއިރު މުދައްރިސިުން އުޅުނީ އަވަދިނެތި ލެސަން ޕްލޭން ތައްޔާރުކުރުމުގައެވެ. ސްކޫލްގެ މަސައްކަތު މީހުން އުޅުނީ ކްލާސްރޫމްތަކަށް ގޮނޑި މޭޒު ހަމަކޮށް އެތަކެތި އެޗްޕީއޭގެ އުޞޫލާ އެއްގޮތަށް އެތުރުމަށެވެ. އަނެއް ބަޔަކު އުޅުނީ އެވަގުތު ސްކޫލްއަށް ހާޒިރުވެ ތިބި ބެލެނިވެރިންނަށް ޚިދުމަތް ކުރުމުގައެވެ.

އަލުން ކިޔެވުން ފަށާއިރު މިއަހަރުގެ ކިޔެވުން މި ފަށަނީ އަހަރުގެ މެދުތެރޭގައެވެ. މިއީ އަނެއްކާވެސް ތަޢުލީމީ ދާއިރާއަށް އައި އިތުރު ބަދަލެކެވެ. މިއަހަރުން ފެށިގެން ދެން ކޮންމެ އަހަރެއްގެވެސް ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މި ދުވަސްވަރުގައެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ކޮވިޑް އިން އަރައިގަނެވެ، މީގެ ކުރިން ކިޔަވަމުންދިޔަ ގޮތަށް ކިޔެވުމުވެ.. ރައްޓެހިން އެެހެން ދަރިވަރުންނާއެކު އުފާވެރިވަގުތުތަކާއި މާސްކާ ނުލާ ކައިރިކައިރީގައި ކިޔަވަން ތިބުމުގެ ފުރުޞަތު ލިބުމެވެ. އިތުރު ހަރަކާތްތަކާއި ސްކޫލް ތަފާތު މުބާރާތްތައް ބާއްވަން ފުރުޞަތުވެސް ލިބުމެވެ.