ޚަބަރު

ބޯހިޔާވަހިކަމުގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަޝްރޫއުތަކެއް


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަ ހާހަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުއްވުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދެއެވެ.ރާއްޖޭގެ ބޯހިޔާވަހި ކަމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުތައް މާލެއާއި އަތޮޅުތެރޭގައި ހަލުވިކަމާއިއެކު މިހާރުވެސް ކުރިއަށް އެބަ ގެންދެއެވެ.ތަފާތު 5 ގޮތަކަށް ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ދަށުން، މިހާރުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި، 6017 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.އޭގެ ތެރޭގައި ހިމެނެނީ ލަގްޒަރީ ވިލާ މޮޑެލްގެ 1770 ހައުސިން ޔުނިޓާއި، ރިއަލް އެސްޓޭޓް އުސޫލުން އަޅަމުންދާ 662 ހައުސިން ޔުނިޓާއި، ބޭރުގެ ލޯން އެހީގެ ގޮތުގައި ކުރިއަށްދާ ހައުސިން  މަޝްރޫއުގެ ތެރެއިން އަޅަމުންދާ 3585 ހައުސިން ޔުނިޓެވެ.ލަގްޒަރީ ވިލާ މޮޑެލްގެ ދަށުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތެރޭގައި ހިމެނެނީ، ނޫމަޑި ރިޒޯޓް އެންޑް ރެސިޑެންސެސް އަންސްޓަލްޓްއިން، ހދ، ކުޅުދުއްފުށި، ހދ، ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، ހއ. ދިއްދޫ އަދި ތ. ވިލިފުށީ ގައި އަޅަމުންދާ 1100 ހައުސިން ޔުނިޓާއި، ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯރޓްސް ޕްރައިވެޓް ލިމިޓެޑްއިން ދ. ކުޑަހުވަދޫ ރ. ދުވާފަރު އަދި ލ. ފޮނަދޫ ގައި ކުރިއަށްގެންދާ 220  ހައުސިން ޔުނިޓްގެ މަސައްކަތާއި، ދިއްދޫ ލަގްޒަރީ ވިލާ ޑިވެލޮޕްމެންޓަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ 350 ހައުސިން ޔުނިޓްގެ ތެރެއިން، ބ. ތުޅާދޫ، ގައި މިހާރު ކުރިއަށްދާ 100 ހައުސިން ޔުނިޓާއި، ތަނބުރުމާ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައވާ 100 ހައުސިން ޔުނިޓް ގެތެރެއިން ހއ. ދިއްދޫ ގައި ކުރިއަށްދާ 50 ހައުސިން ޔުނިޓްގެ މަސައްކަތެވެ.ރިއަލް އެސްޓޭޓް އުސޫލުގެ ދަށުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުގެ ތެރޭގައި ހިމެނެނީ، އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑްއިން މާލޭގައި އަޅާ 500 ހައުސިން ޔުނިޓާއި، ފޯ ޕްލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މާލޭގައި އިމާރާތްކުރާ، 36 ހައުސިން ޔުނިޓާއި، އެފް ޑަބްލިޔު ކޮންސްޓަރަކްޝަންއިން މާލޭގައި އަޅާ 36 ހައުސިން ޔުނިޓާއި، އަމީން ކޮންސްޓްރަކްޝަންއިން ޓީވީ ކޮށީގައި އިމާރާތްކުރާ 20 ބުރީގެ 90 ހައުސިން ޔުނިޓެވެ.ބޭރުގެ ލޯން އެހީގެ ދަށުން ކުރިއަށްދާ ހައުސިން މަޝްރޫއުގެތެރޭގައި ހިމެނެނީ، ވައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުން، ޗައިނާ އެގްޒިމް ބޭންކްގެ ލޯން އެހީގައި ގއ. ވިލިގިލި، ހުޅުމާލެ، ޏ. ފުވައްމުލައް، އައްޑޫ ސިޓީ އަދި ގދ އަތޮޅުގައި އަޅަމުންދާ 3000 ހައުސިން ޔުނިޓާއި، އޯވަރސީސް އިންފްރާ ސްޓަރަކްޗަރ އޭލިއަންސްއިން އިންޑިއާ އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުން ގދ. ތިނަދޫ ގައި އަޅާ 100 ހައުސިން ޔުނިޓް އަދި، ހުޅުމާލޭގައި ހަދާ 485 ހައުސިން ޔުނިޓެވެ.މީގެ ތެރެއިން ގިނަ ހައުސިން ޔުނިޓް ތަކުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު 2016 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލޭގެ ހައުސިން ޔުނިޓްތަކުގައި ދިރިއުޅެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އަދި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކާއި އެކު ހަދަންޖެހޭ އެގްރިމިންޓްގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.