ރަށެއްގެ އާބާދީ ކިތަންމެ ކުޑަނަމަވެސް އަސާސީ ޚިދުމަތްތަކަކީ ކޮންމެ ރަށަކަށްވެސް ބޭނުންވާ ޚިދުމަތްތަކެކެވެ. މިޚިދުމަތްތަކުގެ ތެރެއިން ފެނާއި ރަނގަޅު ނަރުދަމާ ނިޒާމަކީ ކޮންމެ ރަށަކަށްވެސް ވެސް ބޭނުންވާނެ ޚިދުމަތްތަކެވެ. މި ޚިދުމަތް ރަށުގެ ރައްޔިތުންނަށް އެންމެ ފުރިހަމަގޮތުގައި ލިބުމަކީ ރަށުގެ ތަރައްޤީއަށްވެސް ލިބިގެންދާނެ ކުރިއެރުމެއްކަން ޔަޤީނެވެ. އާބާދީގެ ގޮތުން ކުޑަނަމަވެސް ށ. ގޮއިދޫގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޚިދުމަތަކީ އެ ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމެވެ.
ރާއްޖޭގެ ރަށްތަކުގެ ތެރެއިން ބައެއް ރަށްތަކަށް ފެން ފަށަލަ ތިލަވުމާއި ފެން ތަޣައްޔަރުވުމުގެ އިތުރަށް ފެންލޮނު ވުމުގެ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. ވާރޭފެން ނުލިބޭނަމަ ރާއްޖޭގެ ރަށްރަށުގައި ޒަމާނުއްސުރެންވެސް ބޭނުންކުރަމުން ދަނީ ވަޅު ފެނެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައި ވަޅުފެން ހުންނަނީ ބޭނުން ކުރެވޭ ހާލަތެއްގައެއް ނޫނެވެ. މީގެ އިތުރުންވެސް ފެންހިންދާ ޖަންގްޝަންތަކުގެ ސަބަބުންވެސް ރަށްރަށުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ތަކުލީފްތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށެވެ. މީގެ ތެރޭގައި އެއް ރަށަކީ ށ.ގޮއިދޫއެވެ. ގޮއިދޫގައި އެމްޑަބްލިޔުއެސްސީން އަންނަނީ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް ކުރަމުންނެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ގޮއިދޫއަށް ގެންގޮސްފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ އެރަށުގައި އެކަށީގެންވާ ވަރުގެ ފެނާއި ނަރުދަމާ ނިޒާމެއް ޤާއިމްކުރުމަކީ މީގެ އެތަކެއް އަހަރުތަކެއްގެ ކުރިން ރައްޔިތުން ކުރަމުން އައި އުއްމީދެއްކަމަށެވެ. އެގޮތުން ގޯތިތެރޭގައި ނަޖިސް ހިންދުމަށް ޖަންގްޝަންތައް ހަދަން ޖެހުމުގެ ސަބަބުން ގޯތިތެރެއިންވެސް ބޮޑު ޖާގައެއް ގެއްލޭކަމަށާއި ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުން ރައްޔިތުންނަށް އެތައް ގޮތްތަކަކުން ފައިދާ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެނުގެ ހާލަތުވެސް ރަނގަޅު ނޫންކަމަށެވެ. އެހެންކަމުން ރަށައް މިވަގުތު އެންމެ ބޭނުންވަނީ ފެނާއި ނަރުދަމާ ނިޒާމް ވީ އެންމެ އަވަހަކަށް ޤާއިމްކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ.
"ނަރުދަމާ ނިޒާމް ޤާއިމްކޮށްފައި ނެތުމަކީ މިރަށުގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން. މި ރަށުގައިވެސް ބައެއް ސަރަޙައްދުތަކުގަިއ ފެނުގައިވެސް މައްސަލަތަކެއް އެބަހުރި. ރަށް އުފެދިފައި އޮންނަ ގޮތުން ބައެއް ސަރަޙައްދުތައް އޮންނަނީ އަޑިކޮށް. ކަނޑޫފާ އޮންނަ ސަރަޙައްދުތަކުގައި ހުންނަ ގެތަކުގައި ފެން އެހާ ރަނގަޅެއް ނޫން. މިވަގުތު ފެނުގެ ހާލަތު ވަކި ރަނގަޅެއް ނޫން. " ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު
ޝާހިދު ވިދާޅުވީ ގޮއިދޫގައި ކުރިއަށްއޮތް ދެތިން ދުވަހުގެ ތެރޭގައި ނަރުދަމާ ނިޒާމްގެ ހޮޅި އަޅަން ފަށާނެކަމަށާއި ކުރިއަށް އޮތް މަހުގެ ތެރޭގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި މިހާރުވެސް މަސައްކަތައް ބޭނުންވާ ބައެއް ސާމާނު ރަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެ ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ފައިދާއަށްޓަކައި އަދި ރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ރަނގަޅު ނަރުދަމާ ނިޒާމެއް ބޭނުންވާކަމަށެވެ.
ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 12.07 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.30 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 1.48 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢަށް 86 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.