ޚަބަރު

ސްޕުޓްނިކް ވެކްސިން ނުގެންނަން ސަރުކާރުން ނިންމައިފި


ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީއަށް ބޭނުންވާ ޢަދަދަށް ވެކްސިން ލިބިފައިވާތީ، ރަޝިޔާގެ ސްޕުޓްނިކް ވެކްސިން ނުގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ރަޝީއާއިން އުފައްދާފައިވާ ސްޕުޓްނިކް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ސްޕުޓްނިކް ވެކްސިންގެ 2 ލައްކަ ޑޯޒް ގެނައުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއްވެސް ކުރިއަށްގެންދިޔައެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ރަޝިޔާގެ ސްޕުޓްނިކް ވެކްސިން ނުގެނައުމަށް މިހާރު ނިންމާފައިވާކަމަށެވެ. އެއީ ރާއްޖޭގެ ވެކްސިންޖެހޭ އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ލިބިފައިވާތީކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ ސްޕުޓްނިކް ވެކްސިން ނުގެނައުމަށް ނިންމާފައިވާއިރު، އެ ވެކްސިން ގެނައުމަށް ފައިސާވެސް ދައްކާފައި ނުވާކަމަށެވެ.

ރާއްޖެއިން ވަނީ ސިންގަޕޫރުގެ އެސްޓްރަޒެނެކާއިން 7 ލައްކަ ވެކްސިން ޑޯޒް ގަނެފައެވެ. އޭގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް މިހާރު ވަނީ ގެނެސްފައެވެ. ރާއްޖޭގައި މިހާތަނަށް ވަނީ 7 ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް، ސިނޮފާމް، ފައިޒާ، ސްޕުޓްނިކް، މޮޑާނާ، ޖެންސެން އަދި އެސްޓްރަޒެނަކާ ވެކްސިނެވެ. ނަމަވެސް ރާއްޖޭގައި މިހާތަނަށް ޖަހަމުން އައިސްފައިވަނީ ކޮވިޝިލްޑާއި، ސިނޮފާމް ވެކްސިނާއި، ފައިޒާގެ އިތުރުން އެސްޓްރަޒެނެކާ ވެކްސިނެވެ.

ކޯވިޑް ބަލިން އަރައިގަތުމަށް މިވަގުތު އޮތް އެންމެ މުހިންމު ވަސީލަތަކީ ވެކްސިންއެވެ. ރާއްޖޭގެ ރައްޔިތުން ވެކްސިން ފުރިހަމަކުރުމަށް ބާރުއެޅުމަށް ޚާއްސަ ކެމްޕެއިނެއް ފަށާ، އަދި ވެކްސިނާ ގުޅޭ އުސޫލުތައްވެސް ވަނީ ހަރުދަނާކޮށްފައެވެ. އެގޮތުން އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ ފަރާތްތަކާމެދު ބައެއް ޚިދުމަތްތައް ހޯދުމުގައި ޝަރުތުތަކެއް ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް، މި މަސް ނިމުމުގެ ކުރިން ވެކްސިން ފުރިހަމަކުރުމަށެވެ. ރާއްޖޭގައި ޢުމުރުން 12 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދިނުމަށްވެސް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.