ސަމްސަންގްގެ ވައިސް ޗެއަރމަން ލީ ޖޭ ޔޮންގް ޖަލުން މިނިވަންކޮށްފިއެވެ.
ރިޝްވަތާއި ވައްކަމުގެ ކުށް ސާބިތުވެ ދެ އަހަރާއި ބައިގެ ޖަލުޙުކުމެއް އިއްވާފައިވާ ދެކުނު ކޮރެއާގެ މަލްޓިނޭޝަނަލް ކުންފުނި ސަމްސަންގްގެ ވައިސް ޗެއަރމަން ލީ ޖޭ ޔޮންގް ޖަލުން މިނިވަންކުރީ ޕޭ ރޯލްގެ ދަށުންނެވެ. ލީ ޖަލުން މިނިވަން ކުރިއިރު އޭނާ ވަނީ 18 މަހެއްހާ ދުވަސް ޖަލުގައި ހޭދަކޮށްފައެވެ.
ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓްރީން ހޯމަ ދުވަހު ބުނިގޮތުގައި ލީ ޖަލުން މިނިވަން ކުރީ ޕެރޯލްގެ ފުރުސަތު ލިބުނު 800 ވަރަކަށް ގައިދީންގެ ތެރޭގައި ހިމެނިގެންނެވެ. އެހުރިހާ ގައިދީން ވެސް މިހާރު ވަނީ މިނިވަން ކޮށްފައެވެ. ގިނަ ގައިދީންތަކެއް ޕެރޯލްގެ ދަށުން ދޫކޮށްލާފައިމިވަނީ ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުންނާއި އިޤްޠިޞާދަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކަމަށްވެސް ޖަސްޓިސް މިނިސްޓްރީން ބުނެއެވެ.
ޖަލުން ނިކުތުމަށްފަހު ލީ ވަނީ އޭނާއަށް ކުރެވުނު ކުށަށް އެންމެންގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި ކުރިއަށްއޮތްތާނގައި އޭނާއާއިމެދު ކުރާ އުންމީދުތައް ރަނގަޅުކުރުމަށް މަސައްކަތްކުރާނެކަމަށްވެސް ލީ ވަނީ ބުނެފައެވެ.
53 އަހަރުގެ ލީ މި އަހަރު ޖެނުއަރީމަހު ޖަލަށްލާފައިވަނީ ސިޔާސީ ފައިދާއެއް ހޯދުމަށް ސައުތުކޮރެޔާގެ ރައީސް ޕާރކް ގޫން ހޭގެ ރައްޓެއްސަކަށް ރިޝްވަތުގެ ގޮތުގައި 37.7 މިލިއަން ޑޮލަރު ދިން މައްސަލަ ސާބިތުވުމުންނެވެ. މީގެއިތުރުން ކޯޓުން ވަނީ ކޮންސީލްމެންޓްގެ ގޮތުގައި 7.8 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށްވެސް ލީ ގެ މައްޗަށް ޢަމުރު ނެރެފައެވެ. މީގެކުރިން 2017 ވަނަ އަހަރުގެ އޯގަސްޓްމަހު ލީ ގެ މައްޗަށް ވަނީ އެއް އަހަރާއި ފަސް މަހުގެ ޖަލު ޙުލުމެއް އިއްވާފައެވެ. ނަމަވެސް މި ޙުކުމް ފަހުންވަނީ ބާޠިލްކޮށްފައެވެ. އޭގެފަހުން 30 މަހުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު މި ޢަދަދު ފަހުން ވަނީ 18 މަހަށް ކުޑަކޮށްފައެވެ.
ޖަލުން ދޫކޮށްލާފައި ހުރި ނަމަވެސް ލީ އަށް މަސައްކަތަށް ނިކުމެވޭނީ ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. މީގެއިތުރުން ލީއަށް ޤައުމު ބޭރުވެވޭނީވެސް ހުއްދަ ހޯދައިގެންނެވެ. މީގެއިތުރުން ލީގެ މައްޗަށް އުފުލާފައިވާ މަކަރާއި ޙީލަތް ހެދުމުގެ މައްސަލައެއްވެސް ބަލަމުންދާތީ ލީ އަދިވެސް ޖަލަށްލުމުގެ ފުރުޞަތު އެބައޮތެވެ.
ދެކުނު ކޮރެއާގެ މަޝްހޫރު ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުންގެ މައްޗަށް ޖަލު ހުކުމް އިއްވުމަކީ އެ ޤައުމުގައި ވަރަށް ޢާންމު ކަމެކެވެ. ނަމަވެސް އޭގެތެރެއިން ވަރަށް ގިނަ މީހުން ތަންފީޒު ކުރަނީ އެމީހުންގެ މައްޗަށް އިއްވާ ޖަލު ހުކުމުގެ ވަރަށް ކުރު މުއްދަތެކެވެ.
ލީ ޖަލަށް ލުމުގެ ސަބަބުން ދުނިޔޭގެ އެންމެބޮޑު މެމޮރީ ޗިޕް އުފައްދާ ކުންފުނި ސަމްސަންގްގެ ވިޔަފާރިއަށް އަސަރު ނުކުރިނަމަވެސް ކުންފުނީގެ ބޮޑެތި ނިންމުންތައް ނިންމާނީ ލީއެވެ.
ސަމްސަންގް ކުންފުނި ވުޖޫދަށް ގެނެސްފައިވަނީ ލީ ގެ ކާފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ވެރިޔަކީ ލީ އެވެ.