ޚަބަރު

މަހުލޫފްގެ މައްސަލައިގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅެން: ޕީޖީ


ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗައް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ތަފާތު ގޮތަކަށް އަމަލު ކުރަމުންދާކަމަށް ބުނެ މަހްލޫފް ދައްކަމުންދާ ވާހަކަތައް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ދޮގުކުރައްވައިފިއެވެ.

މަހުލޫފްގެ މައްސަލާގައި ޕީޖީ އޮފީހުން ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމަށް މިނިސްޓަރ މަހުލޫފް ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ޕީޖީ ޝަމީމްއާ ހަވާލާދީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ، މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެއްކާއި، ޤަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއްކަމަށެވެ.

މައްސަލަތަކުގައި ތަޙުޤީޤީ އިދާރާތަކުން ހޯދާ ހެކި ޤަރީނާއަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކި ޤަރީނާކަން ޕީޖީ އޮފީހުން ކަށަވަރު ކުރާނެކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ. އަދި މަހްލޫފްގެ މައްސަލައިގައިވެސް އެކަން ކަށަވަރު ކުރާނެކަމަށާއި، ވަކި މީހަކާމެދު ނުޙައްޤުން ޢަމަލުކޮށް، ވަކި ގޮތަކަށް އަމަލުކޮށްފައި ނުވާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ބައެއް ބޮޑެތި މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުޙަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަޙުޤީޤީ އިދާރާތަކާއެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ އިތުރު މުއްދަތުތަކެއް ހޭދަވާކަމަށެވެ. އަދި މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ވެސް ދިމާވީ އެހެންކަމަށާއި، މިއީ މަހުލޫފްއާ މެދު ތަފާތު ގޮތަކަށް ޢަމަލުކުރަނީ ކަމެއް ނޫންކަމުގައިވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗައް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލައިދޭން، ޕީޖީ އޮފީހުން ބޭނުންވާ އިދާރީ ކަންކަން ފުރިހަމަވުމުން އެކަމުގައި ގޮތެއް ނިންމަވާނެކަމަށް ޕޮރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މިދިޔަމަހު ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިިނިސްޓަރ މަހްލޫފްގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދައުވާއަކާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.