ދުނިޔޭގެ ވިޔަފާރި

ޓައިވާނުގެ އިޤްޠިޞާދު ކުރިއަށްއޮތްތަނުގައި އާރާސްތުވާނެ


އަހަރުތަކަކަށްފަހު ޓައިވާނުގެ އިޤްޠިޞާދު ހަލުއި ދުވެލީގައި ކުރިއަރާނެކަމަށް އެޤައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

މިއީ ޓައިވާނުން މުދާ ބޭރުކުރާ މިންވަރު އިތުރުވުމާއެކު އަންނާނެކަމަށް ލަފާކޮށްފައިވާ ބަދަލެއްކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

ޓައިވާނުގެ ޖީޑީޕީ ކުރިއަރާނެކަމަށް މިއަހަރު ލަފާކުރެވެނީ 5.88 އިންސައްތަކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ. މިއީ 2010 ވަނަ އަހަރަށްފަހު އެންމެ ބާރުދުވެލީގައި ޖީޑީޕީ ކުރިއަރާފައިވާ ފަހަރެވެ. މީގެއިތުރުން މި ޢަދަދަކީ ޖޫންމަހު ލަފާކޮށްފައިވާ 5.46 އިންސައްތައަށްވުރެވެސް ބޮޑު ޢަދަދެކެވެ. އަދި އަންނަ އަހަރުގެ ޖިޑީޕީ 3.69 އިންސައްތައަށް ކުރިއަރާނެކަމަށްވެސް ވެސް އެޤައުމުން ވަނީ ލަފާކޮށްފައެވެ.

މި ކުރިއެރުން އަންނާނެކަމަށް ލަފާކޮށްފައި ވަނީ ޓައިވާނުން މުދާ ބޭރުކުރާ މިންވަރު މިއަހަރު އިތުރުވާނެކަމަށް ލަފާކޮށްފައި އޮއްވައެވެ. ޓައިވާނުގެ ޓެކްނޮލޮޖީގެ އުފެއްދުންތަކަށް ދުނިޔޭގެ ޑިމާންޑް ވަނީ ވަރަށްބޮޑަށް އުފުލިފައެވެ.

ސެމީކޮންޑަކްޓަރު އުފައްދާ މައިގަނޑު އެއް ޤައުމަށް ޓައިވާން ވެފައިވާއިރު އެޕަލް ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން މި އުފެއްދުންތަކަށް އޮންނަ ޑިމާންޑްދަނީ އުފުލެމުންނެވެ. މިއާއިއެކު ތަފާސް ހިސާބުތަކާއިބެހޭ އެޖެންސީން ލަފާކުރާގޮތުގައި މިއަހަރު ޓައިވާނުން މުދާ ބޭރުކުރާ މިންވަރު 28.15 އިންސައްތައަށް އިތުރުވާނެއެވެ. އަދި މިއީ މީގެކުރިން ލަފާކޮށްފައިވާ 20.4 އިންސައްތައަށްވުރެ މަތީ ޢަދަދެކެވެ.

މީގެއިތުރުން އަންނަ އަހަރު އެ ޤައުމުން މުދާ ބޭރުކުރާ މިންވަރު 5.22 އިންސައްތައަށް އިތުރުވެގެންދާނެކަމަށްވެސް އެ އޭޖެންސީން ވަނީ ލަފާކޮށްފައެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޓައިވާނުގެ ޖީޑީޕީ ދަށްވެފައިވީނަމަވެސް ބަލިމަޑުކަމަށް ލުއީދީ ރެސްޓޯރެންޓްތަކާއި ވިޔަފާރިތައް ހުޅުވާލައި އެއްވުންތަކަށް ހުއްދަ ދޭންފެށުމުން ޖީޑީޕީ ވަނީ އަނެއްކާވެސް ރަގަޅުވާން ފަށާފައެވެ.