12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުން ކުރިޔަށްދާގޮތާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އޮޅުންފިލުވައިފިއެވެ.
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށާއި، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާއްމުންނަށް ފައިޒަރ ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިންގ ދިނުން މާލޭގައި ކުރިޔަށްގެންދާ އިސްލާމީ މަރުކަޒުގެ ވެކްސިން ސައިޓަށް ޒިޔާރަތްކުރައްވައި، ވެކްސިން ދިނުން ކުރިޔަށްދާގޮތާބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުވައިފިއެވެ.
ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ މިންވަރަށް މިހާރު ރާއްޖެއަށް ވެކްސިން ލިބިފައިވާކަން އިޢުލާނުކުރައްވާފައެވެ. އަދި މިއަދު 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމާއެކު ސަރުކާރުގެ އަމާޒަކީ މި އޯގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ. ސްކޫލު ކުދިންގެ 12 އަހަރާއި 17ގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިންލިބި އަދި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގ ދީ ނިމިފައިވާއިރު މިއީ ރާއްޖެއަށްވުރެ ހުރިހާ ގޮތަކުން ކުރިއަރާފައިވާ ބައެއް ޤައުމުތަކާއި އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެކެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ މި އޯގަސްޓުމަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދީ ނިންމުމެވެ.