ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް 4 ނަމެއް މަޖިލީހަށް


ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ނަންފުޅުތަކާއެކު ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް މިއަދު މަޖިލީހަށް ހުށަހަޅުއްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ތިން ފަހަރެއްގެ މަތިން ވަނީ އިޢުލާންކޮށްފައެވެ. ކޮމިޝަނަށް ކުރިމަތިލެއްވި ނަންތައް ދިރާސާ ކުރުމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތި ލެއްވި ބޭފުޅުން:

  • އަލްއުސްތާޛް ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު، ނަމްބަރު ރސ 5143
  • އަލްއުސްތާޛް އަހުމަދު އާހިދު ރަޝީދު، ހ.ގުރުވަ
  • އަޒްލީމާ އަހުމަދު، ދަފްތަރު، ނަމްބަރު ރސ 94-341
  • މަރިޔަމް އަލީމް، ގ.ދާސްތާން


އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަންކުރުމަށް މިދިޔަ އޭޕްރިލް މަހުވެސް ރައީސުލްޖުމްހޫރިއްޔާ ތިން ނަމެއް މަޖިލީހަށް ފޮނުއްވިއެވެ. ނަމަވެސް އެ ނަންތައް ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އެއްވެސް ނަމަކަށް ރުހުން ދޭން ނުފެންނަކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ޙުސައިން ފިޔާޒް މޫސާ މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވާފައިވާތީއެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.