ޚަބަރު

އިލެކްޝަންސް ކޮމިޝަނަށް އާސިފް އާއި، ޝަހުލާ ހިމެނޭހެން 5 ނަމެއް


އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކޮމިޝަންގައި ކުރިން މަސައްކަތް ކުރެއްވި އާސިފްއާއި، މިހާރުވެސް ކޮމިޝަންގައި މަސައްކަތް ކުރައްވާ ޝަހުލާގެ ނަމާއިއެކު 5 ނަމަކަށް އިސްކަން ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުނު ނަންފުޅުތައް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވުމާގުޅިގެން މަޤާމު ހުސްވެފައިވާތީއެވެ.

ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ނަންފުޅުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި 5 ނަމުގެ ތެރޭގައި އިލެކްޝަން ކޮމިޝަންގައި މީގެ ކުރިން މަސައްކަތް ކުރެއްވި މުހައްމަދު އާސިފްއާއި، ކޮމިޝަންގެ މިހާރުގެ ޑިރެކްޓަރ ޝަހުލާ އިސްމާއީލްގެ ނަންވެސް ހިމެނެއެވެ.

އިލެކްޝަން ކޮމިޝަނަށް އިސްކަން ދެއްވި 5 ނަން:

  • މުހައްމަދު އާސިފް، ހ.އިރުވައި
  • ޝަހުލާ އިސްމާއިލް، ފިނިއުނިމާގެ / ޅ.ހިންނަވަރު
  • އަޒްލީމާ އަހުމަދު، ދަފްތަރު، ނަމްބަރު ރސ 94-341
  • އަހުމަދު މަންސޫރު، ވ.ރިވެތި
  • އަލްއުސްތާޛާ މަރިޔަމް ހަނީފާ ޚާލިދު، އަނބުގަސްދޮށުގެ / ހއ.ކެލާ


އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ނަންފުޅުތައް ދިރާސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ވޭތުވެދިޔަ ތިން އިންތިޚާބުގައި އިލެކްޝަންސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ އެމަޤާމަށް އިންތިޚާބުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ 6 ވަނަ ދުވަހުއެވެ.