ޚަބަރު

ހަމަލާގެ ތަހުގީގު ނުނިމެނީސް ރާއްޖެ ދިއުމަށް ޖެހިލުންވޭ، އެދެނީ ޗުއްޓީ އިތުރު ކޮށްދެއްވުމަށް


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުންނާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ކުރިއަށްގެންދާ ތަހުގީގު ނުނިމެނީސް ރާއްޖެއަށް ދިއުމަށް ޖެހިލުންވާތީ، ރާއްޖެއިން ބޭރުގައި ހުންނެވޭނެހެން ޗުއްޓީގެ މުއްދަތު އިތުރުކޮށް ދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިރު މަޖިލީހުގެ ރައީސް ވަނީ ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީ މަޖިލީހަށް ސިޓީ ފުޅެއް ފޮނުވާފައެވެ.

ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވީ އެމަނިކުފާނަށް ދިން ޙަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަޙްޤީޤު އަދި ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވާކަމެވެ. އެ ތަޙްޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހެޔޮއެދޭ އެތައް ބަޔަކާއި ޚުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއްކަމަށެވެ.

މަޖިލީހުގެ ރައީސް ވަނީ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ހިތް ޚަލާޞްކުރައްވައި، އެފުރުސަތު ފަހިކޮށްދެއްވުމަށް މަޖިލީހުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނައިރު މަޖިލީހުގެ އެންމެހައި ކަންކަން ޤާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ މެންބަރުންގެ އިރުޝާދުގެ ދަށުން މަޖިލީހުގެ ނައިބު ރައީސް އިސްވެ ހުންނަވައި މަޖިލީހުގެ އިދާރާއިން ހިންގާނެކަމީ ހިތުގައި އެއްވެސް ޝައްކެއް އުފެދޭކަމެއްނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

މަޖިލީހަށް ފޮނުއްވި ސިޓީއަކީ ސަރުކާރާއި ދައުލަތުގެ އިދާރާއަކާ ނުރުހިގެން ފޮނުވި ސިޓީއެއް ނޫންކަމަށްވެސް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން ބޭރުގައި ހުންނައިރު ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގައި މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި، ޚާއްޞަ ގޮތެއްގައި އިންޓަރޕާލަމެންޓަރީ ޔޫނިއަންއާއި، ކޮމަންވެލްތު ޕާލިމަންޓަރީ އެސޯސިއޭޝަން މެދުވެރިކޮށް ހިންގާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާއެކު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މެއިމަހުގެ 6ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާކުރަން ހުށަހެޅި 4 މީހުންގެ މައްޗަށް ވަނީ 13 ދައުވާއެއް އުފުލާފައެވެ. ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.