ޚަބަރު

މަޖިލީހުގެ ދަފްތަރަށާއި، ކޮމެޓީތަކަށް ބަދަލުތަކެއް


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ ދަފްތަރަށާއި، ކޮމިޓީތަކަށް އައިސްފައިވާ ބަދަލުތައް މަޖިލީހުން ހާމަކުރައްވައިފިއެވެ.

މަޖިލީހުގެ ދަފްތަރަށް ބަދަލުތަކެއް އައިސްފައިވަނީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ޖުމްހޫރީ ޕާޓީން ވަކިވެފައިވާކަން އަންގަވައި، މަޖިލީހުގެ ގަވާއިދުގައި ބުނާ ލިޔުންތައް ހުށަހަޅުއްވާފައިވާތީ އެޕާޓީން ވަކިމުންނެވެ.

ނާޒިމްއާއި ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. ނާޒިމްއާއި، ރިޔާޒު ޖޭޕީން ވަކިވުމުން ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 3 އަށް ވެއްޓިފައެވެ. އަދި ނާޒިމް އުފައްދަވާ ޕާޓީގެ ދެ މެމްބަރުންގެ ގޮތުގައި ނާޒިމްއާއި، ރިޔާޒު ވަނީ ކަނޑައަޅުއްވާފައެވެ. ދަފްތަރަށް މިހާރު އައި ބަދަލާއެކު މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 65 މެމްބަރުންނާއި، ޕީޕީއެމްގެ 6 މެމްބަރުންނާއި، ޖޭޕީގެ 3 މެމްބަރުންނާއި، ޕީއެންސީގެ 3 މެމްބަރުންނާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސްގެ 2 މެމްބަރުންގެ އިތުރުން މިނިވަން 8 މެމްބަރުންނެވެ.

މަޖިލިސް ކޮމެޓީތަކުގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) ގައި ހިމެނޭ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ބަދަލުގައި އެކޮމެޓީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، އަދި އެކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ބަލުގައި އަލުން އަނބުރައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ހަމަޖައްސަވާފައެވެ.

ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން އިލްޔާސް އާއި އާޒިމް އެކަހެރިވެފައިވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތާ ގުޅޭގޮތުން މަޖިލީހުން އެކުލަވާލި އިންކުއަރީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖާގަ ދެއްވުމުގެ ގޮތުންނެވެ.