ޚަބަރު

ފަތުރުވެރިއެއްގެ ލަގެޖުން 10،000 ޔޫރޯ ވަގަށްނެގި މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި


ގއ. އަތޮޅު ރިސޯޓަކުން ކޫއްޑޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެއްކަމަށެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ފުލުހުންކުރި މަސައްކަތުން 10،000 ޔޫރޯ މިހާތަނަށްވަނީ ހޯދާފައެވެ. އަދި އެ ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.