ޚަބަރު

ހަމަލާގެ ޝަރީއަތް ފެށުމަށް 3 ފަނޑިޔާރުންގެ ބެންޗެއް


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.

ޝަރީއަތް ވީހާވެސް އަވަހަށް ފެށުމަށް ކްރިމިނަލް ކޯޓުން ތައްޔާރުވަމުންދާއިރު، މިމައްސަލައިގެ އަޑުއެހުންތައް ސީދާ ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވެއެވެ. އަދި މައްސަލައިގައި އެކުލަވާލާފައިވާ ބެންޗަށް ކަނޑައަޅާފައިވަނީ ކޮން ފަނޑިޔާރުންތަކެއްކަމެއްވެސް ހާމަކުރައްވާފައި ނުވެއެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި ދައުވާ ކޮށްފައިވާ 4 މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންނާއި، ޤާނޫނުލް އުޤޫބާގެ ދަށުންނެވެ. މިމީހުންގެ މައްޗަށް 13 ދައުވާއެއް ވަނީ އުފުލާފައެވެ.

މިމައްސަލައިގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި އަދުހަމްގެ މައްޗަށް 4 ދައުވާއެއް އުފުލާފައިވާއިރު، އޭނާއާއިއެކު ދައުލަތުން ވަނީ އިއުތިރާފް އެއްބަސްވުމެއް އެކުލަވާލާފައެވެ. މިމައްސަލައިގައި ދެން ދައުވާކުރި މއ. ފޭރުގެ މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާއެވެ. މުޖާޒު އަހުމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެ ދިނުމުގެކުށެވެ. މި ދެ ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިހަމަލާގައި ދައުވާކުރި އަލީ ހައިޝަމްއަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެކެވެ. އަލީ ހައިޝަމްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެ ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެނަމަ 46 އަހަރުގެ ހުކުމެއް އަންނާނެއެވެ.

ތަހްމީނު އަޙްމަދަކީ މިޙާދިސާގައި ހިމެނޭ ސައިކަލުގެ ވެރިފަރާތެވެ. އަދި މިސައިކަލަކީ އޭނާގެ ސައިކަލެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގައި އެހީތެެރިވެ ދިނުމުގެ ދައުވާ އާއި ޓެރަރިސޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 49 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޕީޖީ ވިދާޅުވީ ހަމަލާގެ ބާވަތުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ސިއްރު ކުރުމަށްފަހުވެސް މިމައްސަލައިގެ ޝަރީއަތް ލަވްއިކޮށް ގެންދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.