ޚަބަރު

ދޮޅު އަހަރަށް ފަހު ޤާސިމް މަޖިލީހުގެ ޖަލްސާތަކަށް


ފާއިތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތަކަށާއި، ކޮމެޓީތަކަށް ވަޑައިނުގެން ހުންނެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މިޖަލްސާގައި ޤާސިމް ބައިވެރިވެ ވަޑައިގެންފައިވަނީ ކޯވިޑްގައި ރާއްޖޭގެ ހާލަތު ގޯސްވުމާއި ގުޅިގެން މާލެ ވަޑައިނުގެން މަޖިލީހަށް ސަލާން ވިދާޅުވެ ގިނަ ދުވަސްތައް ހޭދަކުރެއްވުމަށްފަހުއެވެ. ޤާސިމް ގިނަ ދުވަސްތައް ހޭދަ ކުރައްވާފައިވަނީ ސަން އައިލެންޑް ރިސޯޓުގައެވެ.

ޤާސިމް މަޖިލީހަށް ހާޒިރު ނުވަނީ ރާއްޖޭގައި ކޯވިޑްގެ ހާލަތު އޮތް ގޮތުން، އެމަނިކުފާނަކީ އެންމެ ހައިރިސްކު ލެވެލްގެ ބޭފުޅަކަށް ވުމުންކަމަށް އާއިލާއިންވަނީ ވިދާޅުވެފައެވެ. ޤާސިމްއަކީ ފާއިތުވެދިޔަ އަހަރުގައާއި، މިއަހަރުގެ މިހާތަނަށް މަޖިލީހަށް އެންމެ ގިނައިން ސަލާމް ވިދާޅުވި ބޭފުޅާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޯވިޑާއި ގުޅިގެން ހާލަތު ގޯސްވާ ދަނޑިވަޅުތަކުގައި މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. ނަމަވެސް ހާލަތު ރަނގަޅު ވުމުން މަޖިލިސް ޖަލްސާތައް ދަނީ ތަޅުމުގައި ބާއްވަމުންނެވެ. މަޖިލީހުގެ މިހިނގާ ދައުރުގައި މެމްބަރުންގެ ތެރެއިން ހާޒިރީއަށް އެންމެ ފަރުވާ ކުޑަ މެމްބަރުންގެ ތެރޭގައި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ހިމެނެއެވެ.