ދުނިޔޭގެ ތިންވަނައަށް އެންމެބޮޑު އިޤްޠިޞާދެއް އޮންނަ ޖަޕާނުގެ އިޤްޠިޞާދު މިއަހަރުގެ އޭޕްރީލުން ޖޫންގެ ނިޔަލަށް ދެގުނައަށް ކުރިއަރާފައިވާކަމަށް އެ ޤައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޖަޕާނުގެ ޖީޑީޕީ ވަނީ 1.3 އިންސައްތައަށް އާރާސްތުވެފައެވެ. ޖަޕާނުގެ އިޤްތިޞާދު ކުރިއަރާފައި މިވަނީ މިމިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 3.7 އިންސައްތައަށް އިޤްޠިޞާދު ހީނަރުވެގެންގޮސްފައި އޮތުމަށްފަހުގައެވެ. މީގެއިތުރުން ޚަރަދު ކުރާމިންވަރު އިތުރުވުމާއި ވިޔަފާރިތައް އަލުން ހުޅުވާލުމުގެ ސަބަބުން ޖަޕާނުގެ އިޤްޠީޞާދު ކުރިއަރާފައިވަނީ ލަފާކޮށްފައިވާ 0.7 އިންސައްތައަށްވުރެ މާބޮޑަށް އިތުރަށްކަމަށެވެ. ނަމަވެސް ކުރިއަރާފައިވާ އެހެން ޤައުމުތަކުގެ އިޤްޠިޞާދަށްވުރެ ޖަޕާނުގެ އިޤްޠިޞާދު އާރާސްތުވާ ދުވެލި އަދިވެސް މަޑެވެ. މިގޮތުން އަހަރުގެ ދެވަނަ ކުއާޓަރުގައި އެމެރިކާގެ ޖީޑީޕީއަށް ވަނީ 6.5 އިންސައްތައިގެ ކުރިއެރުމެއް އައިސްފައެވެ.
މިއާއިއެކު ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފެށުމާއިއެކު އަހަރުގެ މި ކުއާޓަރުގައި ޖަޕާނުގެ އިޤްޠީޞާދީ ދުވެލި މެދުމިންވަރަކަށް ވެއްޓިދާނެކަމަށް މާހިރުން އިންޒާރުދެއެވެ.
ޖަޕާނުގެ އިޤްޠިޞާދާއިބެހޭ ވަޒީރު ޔަޝުދޯޝީ ނިޝިމުރާ ވިދާޅުވިގޮތުގައި އެ ޤައުމުން މިހާރު އެންމެ އިސްކަމެއް ދެނީ ކޯވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށްކަމަށެވެ.
މިދިޔަ އަހަރު ޖަޕާނުގެ އިޤްޠިޞާދު ވަނީ 4.8 އިންސައްތައަށް ހީނަރުވެފައެވެ. އަދި މިއީ އަހަރުތަކަކަށްފަހު އެ ޤައުމުގެ އިޤްޠިޞާދު ހީނަރުވެގެން ދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ. މި ހީނަރުކަމަށްފަހު މުދާ ބޭރުކުރާ މިންވަރު އިތުރުވެ ޖަޕާނުގެ އިޤްޠިޞާދީ ޙާލަތު މިހާރު ވަނީ ރަގަޅުވެފައެވެ. ނަމަވެސް ވެކްސިން ދޭ ރޭޓް ދަށްވުމާއި ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅާފައިވާ ފިޔަވަލުތަކުގެ ސަބަބުން ތަކެތި ބޭނުންކުރާ މިންވަރު ވަނީ ދަށްވެފައެވެ. މީގެއިތުރުން ކޯވިޑްގެ އައު ޑެލްޓާ ވޭރިއަންޓް އޭޝިއާގެ ޤައުމުތަކުގައި ފެތުރެމުންދާތީ ޖަޕާނުގެ އުފެއްދުންތައް އެހެން ޤައުމުތަކަށް ފޯރުކޮށްދިނުމުގައިވެސް ދަތިތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. ޖަޕާނުގެ އިތުރުން އަވަށްޓެރި ޗައިނާގެ އިޤްޠިޞާދުވެސް އަންނަނީ އާރާސްތުވަމުންނެވެ.