ޚަބަރު

އެމްޑީޕީ ހަލާކުވިޔަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ


ވެރިކަން ކުރަމުންދާ މައިޕާޓީ އެމްޑީޕީ ބައިބައިވެ، ހަލާކުވެ ދިއުމަށް ޖާގަ ނުދެއްވާނެ ކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ތިމަރަފުށީގެ އެމްޑީޕީގެ މެމްބަރުންނާއި، ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ހުންނަވާނީ އެމްޑީޕީގައި ކަމަށް ވިދާޅުވެ، އެކަމުގެ ޔަގީންކަން މެމްބަރުންނަށް ދެއްވާފައެވެ.

ރޭގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ އެމްޑީޕީ ކުރިއެރުވުމަށްޓަކައި ހަރަކާތްތައް އިތުރުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. މިމަސައްކަތްކަތް ކުރެއްވުމަށާއި، ޕާޓީގެ އޮފީސް ހެދުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގައި، ރައީސް ޞާލިހުއަކީ އެމްޑީޕީގެ މެމްބަރެއް ކަމާއިމެދު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ސުވާލު އުފައްދަވާފައެވެ. މިމައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެމަނިކުފާނަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި ދެމިހުންނެވި ފަރާތަކަށްވާއިރު، ޙަސަން އަފީފު ފަދަ އެމްޑީޕީގެ އިސް ބޭފުޅަކު އެފަދަ ވާހަކަތަކެއް ދެއްކެވުމަކީ ބަލަންޖެހޭކަމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަންއަށް ދަންނަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަގުތުކޮޅެއް ހުސްކޮށްލައްވައިގެން އެމަނިކުފާނު ކޮންމެ ރަށެއްގައިވެސް ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނާ މަޝްވަރާ ކުރައްވައެވެ. އެގޮތުން ތ.އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި ތިމަރަފުށީގެ އިތުރުން ކިނބިދޫއަށާއި، އޮމަދޫއަށާއި، ވޭމަންޑޫއަށް ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ވެސް، ވަންދޫއަށާއި، ކަނޑޫދޫއަށާއި، ގާދިއްފުށްޓަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.