ޚަބަރު

ލޯނުނަގައި ލޯނުދޫކުރެވޭނެ މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދެނީ


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި މިއިސްލާހުގައި ލޯނު ނެގުމާއި، ލޯނު ދޫކުރުމުގެ ޤާނޫނީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ލޯނުނެގުމުގެ ބާރު ކައުންސިލްތަކަށް ދީފައިވާއިރު، ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީން ޚަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާގޮތެއްގެ މަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރުމުގެ ބާރު ލިބިދެއެވެ. އަދި ދޫކުރެވޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެމަތިން އަނބުރާ ނުދައްކާނަމަ، އެ ފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ވަނީ ދީފައެވެ.

ލޯނުތައް ދޫކުރާއިރު، ކައުންސިލަކުން ދޭ ލޯނާ ގުޅޭ އެންމެހައި މަޢުލޫމާތާއި، ލޯނު އަނބުރާ ދައްކަމުންދާ ގޮތުގެ ތަފްޞީލުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީއާ ގަވާއިދުން ޙިއްޞާކުރަންޖެހެއެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްބަރުންވެސް ވަނީ މިޤާނޫނުގެ މުހިންމުކަމާއި، މިބިލް ފާސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލައި ވާހަކަ ދައްކަވާފައެވެ.

ކައުންސިލުތަކުން ދަރަންޏަށް ފައިސާ ނަގަންވާނީ އެ ކައުންސިލު ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭންގައި ހިމެނިފައިވާ މަޝްރޫޢެއް ހިންގުމަށްޓަކައި އެ ދަރަންޏެއް ނެގުމަށް އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ޤަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމުންކަމަށްވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނެފައިވެއެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލުން ނަގާ ދަރަންޏަށް ގެރެންޓީ ދިނުމާއި، ކައުންސިލުން ގެރެންޓީ ދެވޭނީ ކައުންސިލުން ނަގާ ދަރަންޏަކަށް އެ ދަރަންޏެއް ނަގާ ބޭންކަކުން ނުވަތަ އިދާރާއަކުން ގެރެންޓީއެއް ދިނުމަށް ޝަރުޠުކުރާނަމަ، އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ޤަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމަށްފަހު، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކައުންސިލްތަކަށް ރަށްރަށުގެ އިހުތިސާސްގެ ގޮތުގައާއި، ބޮޑުތި ބާރުތަކެއް ލިބިގެންދާގޮތަށް ފާސްކޮށްފައިވާ ޤާނޫނަށް ހުށަހެޅުނު އިސްލާހުތަކާއެކު މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ދުވަހެއެވެ.