ތ.ވިލުފުށީގައި ޢިމާރާތް ކުރަމުންދާ ގެތައް ނިންމުމުގެ މަސައްކަތާއި އަލަށް ޢިމާރާތްކުރާ 36 ހައުސިން ޔުނިޓް ހެދުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ތ.ވިލުފުށީގައި މިހާރު އަޅަން ފަށާފައިވަނީ 64 ހައުސިން ޔުނިޓްއެވެ.
މި ހައުސިން ޔުނީތްތަކުގެ މަސައްކަތާއި، ޑިޒައިން އެނޑް ބިލްޑް އުސޫލުން އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތައް ހެދުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމެވެ. އަމީން ކޮންސްޓްރަކްޝަނުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދެވެ.
މި އެއްބަސްވުގެ ދަށުން އެ ރަށުގައި އިމާރާތް ކުރަން ފަށާފައިވާ 64 ހައުސިން ޔުނިޓުގައި ނިންމުމަށް ކުރަންހުރި ހުރިހާ މަސައްކަތްތައް ނިންމުމާއި އޭރު މަސައްކަތް ފަށާފައިނުވާ 36 ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހައުސިން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއަކީ 2011ވަނަ އަހަރުގައި ނޫމަޑިން ފަށާފައިވާ މަޝްރޫއުއެއްކަމަށެވެ. ނަމަވެސް 2014ވަނަ އަހަރުގައި މި މަޝްރޫއު ކުރިއަށް ނުގެންގޮސް ވަނީ ހުއްޓާލާފައެވެ. މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 ހައުިސން ޔުނިޓްގެ ތެރެއިން މަސައްކަތް ހުއްޓުނުއިރު ޢިމާރާތް ކުރަން ފަށާފައިވަނީ 64 ހައުސިން ޔުނިޓްގެ މަސައްކަތްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ތ.ވިލުފުށީގައި ޢިމާރާތްކުރަން ފަށާފައިވާ 64 ހައުސިންގ ޔުނިޓް ނިންމުމަށާއި، ޑިޒައިން އެންޑް ބިލްޑް އުސޫލުން އަލަށް ޢިމާރާތްކުރާ 36 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި. pic.twitter.com/GBMnEfuUOi
— Min.of National Planning, Housing & Infrastructure (@MoNPHImv) August 19, 2021
އަމީން ކޮންސްޓްރަކްޝަނަށް ޙަވާލުކުރި މިމަސައްކަތަކީ މިއަހަރުގެ ބަޖެޓްގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް 82،138،268.57 ރުފިޔާ ޚަރަދުވެއެވެ. އަދި މަިމަސައްކަތް 240 ދުވަހުގެ ތެރޭ ނިންމައި ހަވާލުކުރަން ޖެހެއެވެ.