ޚަބަރު

ފުރަތަމަ 2 ކުއާޓަރުގައި އޭސީސީން ޕީޖީއަށް ފޮނުވީ 8 މައްސަލަ


އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި، ދަޢުވާ ކުރުމަށް ޕީޖީ އޮފީފަށް ފޮނުވުނީ 8 މައްސަލަކަމަށް އޭސީސީން ހާމަކުރައްވައިފިއެވެ.

މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި އޭސީސީން ޕީޖީ އޮފީހަށް 8 މައްސަލައެއް ދައުވާކުރަން ފޮނުވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުރަތަމަ ކުއާޓާގައި އޭސީސީން ފޮނުވި 3 މައްސަލައަކާއި ދެވަނަ ކުއާޓަރުގައި ފޮނުވި 5 މައްސަލައެކެވެ.

އަހަރުގެ ފުރަތަމަ ކުއާޓާގެ ގޮތުގައި ބަލާ، ޖެނުއަރީން މާޗު މަހުގެ ނިޔަލަށް އޭސީސީން ތަޙްގީގު ނިންމައި ދައުވާކުރަން ހުށަހެޅި މައްސަލަތަކަކީ "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ޙައްޤުނޫން ފަރާތްތަކަށް ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓް ދޫކުރި މައްސަލައާއި ވެމްކޯއަށް ހެވީ ވެހިކަލް އެތެރެ ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަމަށް ބުނާ މައްސަލައިގެ އިތުރުން 2018 ވަނަ އަހަރު އެސްޓީއޯއަށް ބޭސް އެތެރެކުރި މައްސަލައެކެވެ.

ދެވަނަ ކުއާޓާގައި ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ ތެރޭގައި
- 2016 ވަނަ އަހަރު އއ.މަތިވެރީ ކައުންސިލްގެ އިދާރާގެ ޕިކަޕެއްގެ މަސައްކަތް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ނެގޭގޮތަށް ހަވާލުކުރި މައްސަލައަކާއި،
-2016 ވަނައަހަރު ރ.ރަސްމާދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ހޯދުމަށް ރ.ރަސްމާދޫ ކައުންސިލްގެ އިދާރާއިން ފައިސާ ނަގާފައިވީނަމަވެސް، ޕިކަޕު ގަނެފައިނުވާ ކަމަށް ބުނާ މައްސަލައަކާއި،
- މާލޭގެ ގޯއްޗެއް ޙައްޤުނޫން ފަރާތަކަށް ވިއްކާފައިވާ މައްސަލައަކާއި،
-ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 2 ފާޚާނާއެއް ހެދުމުގެ މަސައްކަތް މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަވާލުކުރި މައްސަލައެއްގެ އިތުރުން،
- ގއ.ނިލަންދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ޤާނޫނާއި ހިލާފަށް ހަވާލުކޮށްފައިވާ މައްސަލައެކެވެ.

އޭސީސީގެ ބަޔާނުގައި މިއަހަރު ބަލަމުންދާ މައްސަލަތަކުގެ އަދަދެއް ނުވަތަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބަލަމުންދިޔަ މައްސަލަތަކުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. މިތަފްސީލް ހޯދާލުމަށް އޭސީސީއަށް ގުޅާލުމުން މީޑިއާ އޮފިސަރ ފޯނު ނުނަންގަވާތީ މިކަމުގެ މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.

އޭސީސީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ވަނީ ޖުމްލަ 961 މައްސަލައެއް ބަލައި ނިންމާފައެވެ. މި ޢަދަދަކީ 2019 ވަނަ އަހަރާ އަޅާބަލާއިރު %35 އިތުރު އަދަދެކެވެ. 2020 ވަނަ އަހަރު ދަޢުވާ ކުރުމަށްޓަކައި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 15 މައްސަލައެއް ފޮނުވާފައިވާއިރު، މިއީ ފާއިތުވި ތިންއަހަރުތެރޭގައި އެކޮމިޝަނުން ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލަތައް ފޮނުވި އެންމެ ގިނައަދަދުކަން ކޮމިޝަނުން ފާހަގަކުރެއެވެ.

ޕީޖީ އޮފީހަށް ފޮނުވިި މައްސަލަތަކުގެ ތެރޭގައި ތަޙުޤީޤީ އެހެން އިދާރާތަކާ ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަންތަކުން ދަޢުވާ ކުރަން ފޮނުވި 4 މައްސަލައެއްވެސް ހިމެނޭކަމަށާ، ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ ގިނަކަން އޭސީސީން ފާހަގަކުރައްވައެވެ.