ޚަބަރު

އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފި


ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނުގައި ވަނީ ފަނޑިޔަރުންގެ މަޖިލީހުގެ 9 މަޤާމަކަށް ކުރިމަތިލުމަށް މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

އިސްތިއުނާފްގެ ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުޠަކީ ޕާޓީގެ މެންބަރެއް ކަމުގައިވުން އަދި ޤައުމީ މަޖިލީހުގެ މެންބަރަކުކަމުގައި ނުވުމެވެ. އިސްތިއުނާފްގެ ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ޝަރުޠަކީ އެމްޑީޕީގެ މެންބަރެއްކަމުގައި ވުމުގެ އިތުރުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާހުރި ޤާނޫނީ ވަކީލެއްކަމުގައިވުމާއެކު އުމުރުން 35 އަހަރު ވެފައިވާ މީހަކު ކަމުގައި ވުމެވެ.

މިމަޤާމަށް ޗައުޤުވެރިވާ މެމްބަރުން ހުށަހަޅާ ސިޓީއާއެކު އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެމީހެއްގެ ވަނަވަރު އެނގޭނޭ ލިޔުމަކާއި، ޤައުމީ މަޖިލީހުގެ 2 މެންބަރެއްގެ ތާއީދު އޮތްކަން އެނގޭނޭ ލިޔުން ހުށަހަޅާންވާނެކަމަށް ވަނީ ބުނެފައެވެ.