ދުނިޔޭގެ ވިޔަފާރި

އަމިއްލަ މަޢުލޫމާތު ރައްކާތެރިކުރުމާބެހޭ ބިލެއް ޗައިނާއިން ފާސްކޮށްފި


އަމިއްލަ މަޢުލޫމާތު އެއްކޮށް ރައްކާތެރިކަމާއިއެކު ބޭނުންކުރާނެގޮތުގެ ބިލެއް ޗައިނާއިން ހުކުރު ދުވަހު ފާސްކޮށްފިއެވެ.

ޗައިނާއިން މި ޤާނޫނު ފާސްކޮށްފައިމިވަނީ އެ ޤައުމުގެ ބައެއް ޓެކްނޮލޮޖީ ކުންފުނިތަކަށް އަމިއްލަ ފަރުދުންގެ މަޢުލޫމާތު ރަނގަޅަށް ނުބެލެހެއްޓޭކަމަށް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

'ޕާރސަނަލް އިންފޮމޭޝަން ޕްރޮޓެކްޝަން ލޯ' ނަމުން ނަންދީފައިވާ މި ބިލް ފާސްކޮށްފައިވަނީ ޗައިނާގެ ސްޓޭންޑިންގ ކޮމެޓީ އޮފް ދަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް އިންނެވެ. އަދި މި ބިލަށް ޢަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރުމަހު 1 ވަނަ ދުވަހުން ފެށިގެންނެވެ.

އައު ޤާނޫނުގެ ދަށުން ޢާންމު ފަރުދުންގެ އަމިއްލަ މަޢުލޫމާތު ނަހަމަގޮތުގައި އެއްކުރުމާއި، ބޭނުންކުރުމާއި، ޕްރޮސެސްކުރުން، އެހެން މީހުންނަށް އެނގޭނެހެން އާންމުކުރުން އަދި ވިޔަފާރީގެ ގޮތުގައި އެ މަޢުލޫމާތު ބޭނުންކުރުންވެސް މަނާވާނެއެވެ. މީގެއިތުރުން މި ޤާނޫނުގެ ދަށުން މާކެޓްކުރުމުގެ ގޮތުން އަމިއްލަ ފަރުދުންގެ މަޢުލޫމާތުވެސް ހާމައެއް ނުކުރެއެވެ. އަދި އިނގިލީގެ ނިޝާން އާއި މޫނުގެ ސިފަތައް ހާމަވާފަދަ މަޢުލޫމާތާއި، ސިއްޚީ މަޢުލޫމާތު އަދި މާލީ ޙާލަތުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތު ހާމަކުރެވޭނީ އެމީހެއް އިޢުތިރާޒެއް ނެތް ނަމައެވެ. މިއާއެކު މިފަދަ މަޢުލޫމާތެއް ހުއްދައާ ނުލައި ހާމަކޮށްފިނަމަ އެ ކުންފުންޏަކުން ދޭ ޚިދުމަތެއް މި ޤާނޫނުގެ ދަށުން ބާޠިލުކުރެވޭނެއެވެ. އަދި އެކަމެއް ރަނގަޅު ކުރަން ދެކޮޅު ހަދާ ކުންފުނިތަކުން ޖޫރިމަނާގެ ގޮތުގައި 153000 މިލިއަން އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ.

މިފަދަ ޤާނޫނެއް މީގެކުރިން ޗައިނާގައި ފާސްކޮށްފައި ނުވާއިރު މި ޤާނޫނު އެއްކޮށް އަދި ޢާންމެއް ނުކުރެއެވެ.

ޗައިނާއިން މި ޤާނޫނު ފާސްކޮށްފައިމިވަނީ އެ ޤައުމުގެ ބައެއް ޓެކްނޮލޮޖީ ކުންފުނިތަކަށް އަމިއްލަ ފަރުދުންގެ މަޢުލޫމާތު ރަނގަޅަށް ނުބެލެހެއްޓޭކަމަށް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން މި ހަފްތާގެ އަންގާރަދުވަހު ޗައިނާއިން ވަނީ އެކުންފުނިތަކުގެ މުހިންމު ޑާޓާތައް ބޭނުންކުރާނެ ގޮތާއި އިންސާފުން ބޭރުން އޮންނަ އިންޓަރނެޓްގެ ވާދަވެރިކަން ހުއްޓުވުމުގެ މަޤްޞަދުގައި ތަފްޞީލީ އައު ޤަވާއިދުތަކެއްވެސް އެކަށައަޅާފައެވެ.

މިގޮތުން އަމިއްލަ އުފެއްދުންތައް ރައްކާތެރިކުރާނެ ގޮތުގެ ޤަވާއިދުގެ ދެލިކޮޕީ އާއި ބްރޭންޑް ރަނގަޅުކުރުމުގެ ޤަވާއިދުގެ ދެލި ކޮޕީ އަދި ކުންފުނިތަކުގެ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ސައްހަ ނޫން ރިވިއު ރިޕޯޓްތައް ބޭނުންކުރުން މަނާ ކުރާ ޤަވާއިދުގެ ދެލިކޮޕީވެސް ޢާންމުކޮށްފައެވެ.