ޚަބަރު

ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާއީދުކުރާނީ ބަރުލާމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް: ނަޝީދު


ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ކުރިމަތިލައްވާ ކެނޑިޑޭޓުންގެ ތެރެއިން ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިލާފައިވާ ބޭފުޅުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ދީފައެވެ. މިއިންތިޚާބަކީ އެމްޑީޕީގެ ތެރޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބެވެ.

ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައިވެސް އެމަނިކުފާނުގެ ތާއީދު ލިބޭނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންނަށް ކަމަށެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާއީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންނަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެމްޑީޕީގެ އާންމު މެންބަރުންތަކެއް ވަނީ ފަށާފައެވެ. ބަރުލަމާނީ ނިޒާމަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާ ވެރިކަމުގެ ނިޒާމެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް އެކުލަވާލާ ޕެޓިޝަން ތައްޔާރުކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް އެ ޕެޓިޝަން ހުށައަޅާނެކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް އެމްޑީޕީގެ ތެރެއިން މަސައްކަތް ކުރައްވާއިރު، އެޕާޓީގެ އެނެމް އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ކަނޑައަޅާފައިވަނީ ރައްޔިތުންގެ ވޯޓަކުންކަމަށެވެ. އެކަން ބަދަލުކުރެވޭނީވެސް ރައްޔިތުންނަށް ކަމަށާއި، ނަމަވެސް މިއީ ނިޒާމު ބަދަލު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 155890 މީހުން ވޯޓުދިންއިރު، 95619 މީހުން ވަނީ ރިޔާސީ ނިޒާމަށް ވޯޓްދީފައިވެއެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ.