ޚަބަރު

އިތުރު 4 ރަށެއްގައި އަނެއްކާވެސް އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު


4 ރަށެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި، ވަނީ ހުސްވެފައިވާ އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވަންޖެހޭ ތާރީޚު ކަނޑައަޅާފައެވެ. އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ނޭކުރެންދޫއާއި، ރ.މަޑުއްވަރީ، ނ.ކެނދިކުޅުދޫ އާއި ނ.މަގޫދޫގައެވެ.

މަގޫދޫ ފިޔަވައި، ދެން އިންތިޚާބު ބާއްވާ ތިން ރަށަކީ މީގެ ކުރިންވެސް އިންތިޚާބު ބޭއްވުމަށް އިއުލާން ކޮށްގެންވެސް އެއްވެސް މީހަކު ކުރިމަތި ނުލުމުން، އަލުން އިންތިޚާބު ބޭއްވުމަށް ހުޅުވާލާފައިވާ ތިންރަށެވެ. މަގޫދޫއަކީ މިމަހުގެ 7 ވަނަ ދުވަހުވެސް އިންތިޚާބު ބާއްވާފައިވާ ރަށެކެވެ. މަގޫދޫގެ އަންހެނުންގެ ކޮމިޓީގެ ފަސް މެމްބަރުން ހަމަވެފައި ވަނިކޮށް، މެމްބަރަކު އިސްތިއުފާ ދީފައިވަނީ މިފަހަރު ބޭއްވި އިންތިޚާބަށް ފަހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުގުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަނޑައެޅިފައިވާ މުއްދަތުގައި އެއްވެސް ތަރުހީބެއް ނުުލިބުމުން އަނެއްކާވެސް ހުޅުވާލަން ޖެހުމަކީ ފަސޭހަ ކަމެއްނޫންކަމަށެވެ. އަދި ކައިރި ކައިރީގައި އިންތިޚާބުތައް ބާއްވަން ޖެހުމަކީވެސް ގޮންޖެހުން ބޮޑު ކަމެއްކަމަށް ހަބީބް ވިދާޅުވިއެވެ.

އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް ބޭފުޅުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް ބޮޑު ކުރުމަށް ނިންމާފައެވެ.