ޚަބަރު

ޝަރީޢަތާއި ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށްފި


މުޖްތަމަޢުގައި ހިނގަމުންދާ ޝަރީޢަތާއި ޚިލާފު ޢަމަލުތައް ހުއްޓުވުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. މިއީ އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާއި ބެހޭގޮތުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި މަަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ އާއި ފުލުހުންނާއެކު މިއަދު އިސްލާމިކް މިނިސްޓްރީގައެވެ.

މިމަޝްވަރާ ބައްދަލުވުމުގައިވަނީ ޤާނޫނީ ބާރު ލިބިގެން މިފަދަ މައްސަލަތައް ހައްލުކުރުމަށް، ކަމާގުޅޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގައި ހުރި ދަތިތަކާއި އެކަންކަން ޙައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސްވަނީ މަޝްވަރާ ކޮށްފައެވެ.

މީގެ އިތުރުން އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލުތަކާއި، އިސްލާމީ އަޚްލާޤީ މިންގަޑުން ބޭރު ޢަމަލުތަކާއި އިސްލާމީ ޝަރީޢަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމަޢުގައި ޢާއްމުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި މިފަދަ ކަންކަން ޙައްލު ކުރުމަށްޓަކައި ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށްވަނީ އެއްބަސްވެފައެވެ.

އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާއި ބެހޭ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.