ދުނިޔޭގެ ވިޔަފާރި

ކޮމްޕިއުޓަރ ޗިޕް ލިބުން ދަތިވުމާއެކު ވޯކްސްވާގަންގެ އުފެއްދުންތައް މަދުކުރަނީ


ދުނިޔޭގެ ބާޒާރުގައި ޗިޕް ލިބުން ދަތިވުމާއެކު ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ކާރު އުފައްދާ ކުންފުނި ކަމަށްވާ ޖަރުމަނުވިލާތުގެ ވޯކްސްވާގަންއިންވެސް ކުންފުނީގެ އުފެއްދުންތައް މަދުކުރަން ނިންމައިފިއެވެ.

ވޯކްސްވާގަންގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ބުނިގޮތުގައި ހޫނު މޫސުމާއި ދިމާކޮށް ކުންފުނީގެ އެސެމްބްލީ ލައިންގެ މަސައްކަތްތައް މަދުކުރާނެއެވެ. އަދި އަންނަ ހަފްތާއިން ފެށިގެން ކާރު އުފައްދާނީ ހަމައެކަނި ފުރަތަމަ ޝިފްޓްގައި އެކަނި ކަމަށާއި އެހެން ވަގުތުތަކުގައި އުފައްދާ އުފެއްދުންތައް މިވަގުތަށް މަޑުޖައްސާލާނެކަމަށްވެސް ކުންފުނީގެ އޮފިޝަލުން ބުނެއެވެ.

ޗިޕް ލިބުން ދަތިވެގެން މި އުޅެނީ ކޯވިޑްގެ ބަލިމަޑުކަން އަދިވެސް ފެތުރެމުންދާތީ ކަމަށާއި ޚާއްޞަކޮށް ސެމީ ކޮންޑަކްޓަރ އުފައްދާ މެލޭޝިއާގެ ކާރުޚާނާތައް ބަންދުކުރަންޖެހުމުންކަމަށް ވޯކްސްވާގަންއިން ބުނެއެވެ. ނަމަވެސް އަހަރުގެ ފަހު 6 މަސްދުވަހު އުފެއްދުންތައް އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ފަށަން އުންމީދުކުރާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ޗިޕް ލިބުން ދަތިވުމުގެ ސަބަބުން ވޯކްސްވާގަންގެ ކާރު ބްރޭންޑެއްކަމަށްވާ އައުޑީއިންވެސް ޖަރުމަނުވިލާތުގައި ހުންނަ ބައެއް ކާރުހާނާތަކުގެ އުފެއްދުންތައް ފެށުން ލަސްވާނެކަމަށް މިހަފްތާގެ ކުރީކޮޅު ވަނީ ބުނެފައެވެ. ޗިޕް ލިބުން ދަތިވުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާ އެއްބަޔަކީ ކާރު އުފައްދާ ފަރާތްތަކެވެ. އަދި ޗިޕް ލިބުން އަދިވެސް އިތުރަށް ދަތިވަމުންދާނެކަމަށް ކާރު އުފައްދާ ފަރާތްތަކުން ބުނެއެވެ.

ވޯކްސްވާގަންގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ކާރު އުފައްދާ ކުންފުނި ޖަޕާނުގެ ޓޮޔޯޓޯ އިންވެސް ވަނީ ޗިޕް ލިބުން ދަތިވުމުގެ ސަބަބުން ކުންފުނީގެ އުފެއްދުންތައް 40 އިންސައްތައަށް މަދުކުރަން ނިންމާފައެވެ.

ޓޮޔޯޓޯއިން މި ނިންމުން ނިންމީ ޗިޕް ލިބުން ދަތިވުމުގެ އިތުރުން އޭޝިއާގައި މިހާރު ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. މިއާއިއެކު ޖަރުމަނުވިލާތުގެ ޗިޕް އުފައްދާ ކުންފުނި އިންފީނިއޯން އިން ވަނީ ޗިޕް ފޯރުކޮށްދިނުން ދަތިވުމާއިއެކު ޗިޕްގެ އަގު ބޮޑުކުރާނެކަމަށް ބުނެފައެވެ.