ދުނިޔޭގެ ވިޔަފާރި

ޤާނޫނާއި ޚިލާފު ކަންކަން ރިޕޯޓްކުރާ ފަރާތްތަކަށް ދޭ އިނާޔަތް ޗައިނާއިން ބޮޑުކުރަނީ


ޤާނޫނާއި ޚިލާފަށް ބާޒާރުގައި ހިނގާ ކަންކަން ރިޕޯޓް ކުރާ ފަރާތްތަކަށް ދޭ އިނާޔަތް އިތުރުކުރުމަށް ޗައިނާއިން ނިންމައިފިއެވެ.

ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިޔުލޭޝަން (އެސްއޭއެމްއާރް) އިން ބުނާގޮތުގައި މިގޮތަށް މި ނިންމުން ނިންމީ އެ ޤައުމުގެ މާލީ ވުޒާރާއާއި ގުޅިގެން ކަމަށެވެ. އަދި މި ނިންމުމަށް ޢަމަލުކުރަން ފަށާނީ އަންނަ ޑިސެމްބަރުމަހުން ފެށިގެންކަމަށްވެސް އެސްއޭއެމްއާރްއިން ބުނެއެވެ. މިގޮތުން މިފަދަ ކަންކަން ކާމިޔާބުކަމާއެކު ރިޕޯޓްކުރާ ފަރާތްތަކަށް، ޤާނޫނާއި ޚިލާފު ޢަމަލު ހިންގާ ފަރާތްތަކުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާގެ ޢަދަދުގެ 1 އިންސައްތައާއި 5 އިންސައްތައިގެ ފައިސާ ލިބޭނެކަމަށް އެސްއޭއެމްއާރްއިން ބުނެއެވެ. އަދި މި ފަދަ ކޮންމެ މައްސަލައަަކަށް މަދުވެގެން 1 ހާސް ޔޫއާން އަދި ގިނަވެގެން 1 މިލިއަން ޔޫއާން ލިބޭނެކަމަށްވެސް އެ ފަރާތުން ބުނެއެވެ.

މުޖުތަމަޢުތެރެ ރަނގަޅަށް ބަލައި ސުޕަރވައިޒްކުރުމާއި ޤާނޫނާއި ޚިލާފު ޢަމަލުތައް ރިޕޯޓް ކުރުމުގައި ޢާންމުގެ އެހީތެރިކަން ހޯދުމުގެ ސަބަބުން މިފަދަ ޢަމަލުތައް ހުއްޓުވޭނެކަމަށް އެސްއޭއެމްއާރްއިން ބުނެއެވެ. މީގެއިތުރުން އެސްއޭއެމްއާރް ކުންފުނިތަކުގެ މުހިންމު ޑާޓާތައް ބޭނުންކުރާނެ ގޮތާއި އިންސާފުން ބޭރުން އޮންނަ އިންޓަރނެޓްގެ ވާދަވެރިކަން ހުއްޓުވުމުގެ މަޤްޞަދުގައި ތަފްޞީލީ އައު ޤަވާއިދުތަކެއްވެސް އެސްއޭއެމްއާރްއިން މި ހަފްތާ ކުރީކޮޅު ވަނީ އެކަށައަޅާފައެވެ. މިގޮތުން އަމިއްލަ އުފެއްދުންތައް ރައްކާތެރިކުރާނެ ގޮތުގެ ޤަވާއިދުގެ ދެލިކޮޕީ އާއި ބްރޭންޑް ރަނގަޅުކުރުމުގެ ޤަވާއިދުގެ ދެލި ކޮޕީ އަދި ކުންފުނިތަކުގެ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ސައްހަ ނޫން ރިވިއު ރިޕޯޓްތައް ބޭނުންކުރުން މަނާކުރާ ޤަވާއިދުގެ ދެލިކޮޕީވެސް ހިމެނެއެވެ.