ޚަބަރު

ފަރަށްއެރި ބޯޓުން ތިމާވެއްޓަށް ގެއްލުންވާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައެއްނުވޭ


ކ. ރަސްފަރި ފަރަށްއަރާފައިވާ ބޯޓުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައިނުވާކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ކ. ރަސްފަރި ފަރަށް އަރާފައިވާ ބޯޓާއި ގުޅިގެން ތަފްސީލް ހާމަކުރައްވައި ޓްރާސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން އުޅަނދު ފުންކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާކަމަށެވެ.

މިހާތަނަށް ބެލިބެލުމުން މި އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. އަދި މި ބޯޓުގައި 1200 ޓަނުގެ ލޯ ސަލްފާ އައި.އެފް.އޯ އަދި 80 ޓަނުގެ ލޯ ސަލްފާ މެރިންގ ގޭސް އޮއިލް ބޯޓުގައި ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި، މިތަކެތި ހުރުމުން ކަނޑަށް ތެޔޮ ބޭރު ނުވާނެގޮތަށް ކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އުޅަނދުގެ ވެރިފަރާތަށް އަންގާފައިވާކަމަށް ޓްރާންސްޕޯޓުން ވިދާޅުވެއެވެ.

ޓްރާންސްޕޯޓުން ވިދާޅުވީ ބޯޓު ފަރަށް އަރާފައިވަނީ ކާށިދޫ ކަނޑުގެ ދެކުނުން އިންޖީނު ފެއިލްވުމުގެ ސަބަބުންކަމަށެވެ. މި އުޅަނދަކީ އިންޑިޔާގެ ޓުޓުކޮރިންގ ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށާއި، މި ބޯޓުގައި އެއްވެސް ކާގޯއެއް ނެތްކަމަށްވެސް ޓްރާސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ.

މިބޯޓު ފަރަށް އެރުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި، އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާއި، މޯލްޑިވްސް އިމިގްރޭޝަންއާއި ޕޯޓް ހެލްތާއި އަދި މި އުޅަނދުގެ ލޯކަލް އެޖެންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތުން މިހާރުވެސް ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިބޯޓު ފުންކުރުމަށް ލަންކާއިން ޓަގު ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، ފަރަށް އެރި އާގުބޯޓު ނިސްބަތްވާ ގްރީސްގެ ކުންފުނިން އެމީހުންގެ އޭޖެންޓަކަށް "އަންޓާކް މޯލްޑިވްސް" ނަމަކަށްކިޔާ ދިވެހި ކުންފުންޏެއް ހަމަޖައްސާފައިވާކަމަށެވެ.

އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، 19 ފިލިޕީންސް މީހުނާއެކު ދަތުރުކުރި އާގު ބޯޓު ފަރަށް އަރައިފައިވަނީ ކ.ރަސްފަރި ކައިރިން އިންޖީން ހުއްޓުމުގެ ސަބަބުންނެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 12:48 ހާއިރުއެވެ.